ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ގެދޮރުވެރިޔާ" ފްލެޓްތައް ލިބުނު ފަރާތްތަކަށް ޚާއްޞަކޮށްގެން، ފަސޭހައިން ފަރުނީޗަރު ގަނެވޭނެ ޕެކޭޖުތަކެއް ތައާރަފުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެފްޑީސީން މިހާރު އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާންދޯދި" އަދި "އަމާން އުދަރެސް" ފްލެޓްތައް، އެ ތަންތަން ލިބުނު މީހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ އައު ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމުމެވެ. މި ފްލެޓްތަކަކީ ފަރުނީޗަރު ފިޔަވައި ހުރިހާ ފިނިޝިން މަސައްކަތްތަކެއް ނިމިފައިވާ ތަންތަނެވެ. އެގޮތުން ދޮރުތަކާއި ފަންކާ ހަރުކޮށް، މުށިޖަހައި ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން "ފަހި އިންޓީރިއާ" ގެ ނަމުގައި ފަރުނީޗަރު ފޯރުކޮށްދިނުމަށް އެފްޑީސީން މިހާރު އަންނަނީ އިޝްތިހާރު ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މި ޚިދުމަތަކީ ހަމައެކަނި އެފްޑީސީގެ ފްލެޓް ލިބުނު މީހުންނަށް ދޭ އިތުރު "އޮޕްޝަނެއް" ކަމަށެވެ. އަދި މި ފަރުނީޗަރުތައް ފޯރުކޮށްދޭނީ ހެޔޮ އަގުގައި، ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމެއްގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އިންޓީރިއާ މަސައްކަތް. އަދި ޖާގަ ސަލާމަތްކުރެވޭ ފަދަ ފަރުނީޗަރު ފޯރުކޮށްދިނުން،" ހަމްދާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕެކޭޖުތަކުގެ އަގުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިކަމުގައި އާންމުންގެ ޚިޔާލަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

