ވެނެޒުއޭލާއިން 2 ބިލިއަން ޑޮލަރުގެ ތެޔޮ ގަތުމަށް އެމެރިކާއިން އެއްބަސްވުމަކަށް އައިސްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ބުދަ ދުވަހު ދަށަށް ހިނގައްޖެއެވެ.

މި ނިންމުމާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 81 ސެންޓް ނުވަތަ 1.3 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 59.89 ޑޮލަރަށް ވެއްޓިފައެވެ. ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް  ތެލުގެ އަގު 1 ޑޮލަރު ނުވަތަ 1.7 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 56.13 ޑޮލަރަށް ތިރިވެފައެވެ.

ބާޒާރުގެ މާހިރުން ވިދާޅުވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އެމެރިކާއަށް ތެޔޮ ސަޕްލައިކުރާ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. ކުރިން ޗައިނާއަށް ފޮނުވަން ހަމަޖެހިފައި ހުރި ވެނެޒުއޭލާގެ ތެޔޮ މިހާރު އެމެރިކާއަށް މިސްރާބު ބަދަލުކުރުމުގެ ފުރުޞަތު އޮތްއިރު، މީގެ ސަބަބުން ވެނެޒުއޭލާގެ ތެޔޮ ޓޭންކަރުތަކާއި ސްޓޯރޭޖްތަކުގައި ހުރި މިލިއަނަކަށްވުރެ ގިނަ ފީފާ ތެޔޮ ބާޒާރަށް ނެރުމަށް މަގުފަހިވާނެއެވެ.

މި ތާރީޚީ ބަދަލު އައިސްފައިވަނީ އެމެރިކާއިން ވެނެޒުއޭލާއަށް ދެމުންދިޔަ ޕްރެޝަރުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޓްރަމްޕް މީގެކުރިން ވަނީ ވެނެޒުއޭލާގެ ތެލުގެ ސިނާޢަތް އެމެރިކާގެ ކުންފުނިތަކަށް ހުޅުވާލުމަށް އިންޒާރު ދެއްވާފައެވެ. އަދި ނިމިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ސިފައިން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްފައެވެ. މިއީ އެ ސަރަޙައްދުގެ ސިޔާސީ އަދި ހަކަތައިގެ މަޝްރަޙަށް އައި ބޮޑު ބަދަލެކެވެ.

މޯގަން ސްޓެންލީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ދުވާލަކު 3 މިލިއަން ފީފާ ތެޔޮ ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، ވެނެޒުއޭލާގެ 'މެރޭ' ގްރޭޑްގެ ތެޔޮ، ބްރެންޓް ކްރޫޑަށްވުރެ ގާތްގަނޑަކަށް 22 ޑޮލަރު އަގުހެޔޮކޮށް ލިބެން ހުރުމަކީ، ތެޔޮ ސާފުކުރާ ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެކެވެ. ނަމަވެސް، މީގެ ސަބަބުން އެމެރިކާ އާއި އެހެނިހެން ޤައުމުތަކުގައި އަލަށް ތެޔޮ އުފެއްދުމަށް ކުރާ މަސައްކަތްތަކަށް މަޑުޖެހުމެއް އަތުވެދާނެ ކަމަށް ބީ.އެމް.އައިގެ އެނަލިސްޓުން އިންޒާރު ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *