ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކުޅިވަރު ޕްރޮގްރާމެއް ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް އިއުލާންކޮށްފިއެވެ.
މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން ބާރުވެރިކުރުވައި، މުޖުތަމައުގެ ހަރަކާތްތަކުގައި އެފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލްއަކީ ކުޅިވަރު މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. ރާއްޖޭގައި މި މަސައްކަތް ކުރިއަށްގެންދާ ގައުމީ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި، ތިނަދޫގައި މި ޕްރޮގްރާމް ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި 60 އެތްލީޓުންނަށް "ސްޕެޝަލް އޮލިމްޕިކްސް ފިޓް5″ ކަރިކިއުލަމްގެ ދަށުން ކޮންމެ ހަފުތާއަކު ތަމްރީނުތައް ދެވޭނެއެވެ. ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސިއްހަތަށް ރަނގަޅު ކާނާގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުން ވެސް ހިމެނެއެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ރަމީޒު ވިދާޅުވީ، 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' އަކީ ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމަށެވެ. އަދި މި ފެސްޓިވަލްތަކުން ތަމްރީނުވި އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ރަން ވަނަތައް ހޯދައިދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިރާގުގެ އެހީތެރިކަމާއެކު ތިނަދޫގައި މި ހިންގާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މިކަމަށް މުޖުތަމައު އިތުރަށް އަހުލުވެރިވެގެންދާނެ، ރަމީޒު
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ، މިއީ ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ކުއްޖަކަށް ވެސް ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފާއިތުވި އަށް އަހަރު މާލޭގައި ބާއްވާފައިވާއިރު، މިއީ މިފަދަ ޕްރޮގްރާމެއް އަތޮޅުތެރޭގައި ފުޅާކޮށް ހިންގުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

