ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ދަރަނި އިތުރުވުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރަނުގެ އަގު އައުންސަކަށް 5،000 އެމެރިކާ ޑޮލަރަށް އުފުލިދާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ބޭންކެއް ކަމަށްވާ އެޗްއެސްބީސީން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އެޗްއެސްބީސީން ހާމަކޮށްފައިވާ ގޮތުގައި، ރަނުގެ އަގު އާދަޔާ ހިލާފަށް އުފުލުމުގެ ސަބަބުން އަހަރުގެ ފަހުކޮޅު އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، 2026 ވަނަ އަހަރު ރަނުގެ އެވްރެޖް އަގު ހުންނާނެ ކަމަށް ކުރިން ލަފާކުރި 4،600 ޑޮލަރުގެ ބަދަލުގައި، މިހާރު ލަފާކުރަނީ 4،587 ޑޮލަރަށް ކަމަށް އެ ބޭންކުން ބުނެއެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ރަނުގެ އަގު އުޅޭނީ 3،950 އާއި 5،050 ޑޮލަރާ ދެމެދުގައެވެ. އަދި އަހަރު ނިމޭއިރު އަގު ހުންނާނީ 4،450 ޑޮލަރުގައި ކަމަށް ބެލެވޭ،" އެޗްއެސްބީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ރަނުގެ ބާޒާރުގައި އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ.

އެޗްއެސްބީސީން ވަނީ 2027 އަދި 2028 ވަނަ އަހަރަށް ލަފާކުރި އެވްރެޖް އަގުތައް ވެސް މަތިކޮށްފައެވެ. އެގޮތުން 2027 ވަނަ އަހަރުގެ އެވްރެޖް އަގު 4،625 ޑޮލަރަށް އަދި 2028 ވަނަ އަހަރުގެ އަގު 4،700 ޑޮލަރަށް އަރާނެ ކަމަށް މިހާރު ލަފާކުރެއެވެ. މީގެ އިތުރުން 2029 ވަނަ އަހަރު ރަނުގެ އެވްރެޖް އަގު 4،775 ޑޮލަރަށް އަރާނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

ބުރާސްފަތި ދުވަހު ބައިނަލްއަގުވާމީ ބާޒާރުގައި ރަން ވިއްކަމުންދިޔައީ އައުންސަކަށް 4،427.48 ޑޮލަރަށެވެ. މިއީ 1979 ވަނަ އަހަރަށްފަހު ރަނުގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރު ކަމަށްވާ 2025 ވަނަ އަހަރުގެ 64 އިންސައްތައިގެ ކުރިއެރުމަށްފަހު ރެކޯޑު ކުރެވުނު އަގުތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *