ޖަރުމަނުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ބީއެމްޑަބްލިއު ގްރޫޕުން މިއަހަރުގެ ތެރޭގައި 27 އައު އުފެއްދުމެއް ބާޒާރަށް ނެރުމަށް ނިންމައިފިއެވެ. މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރާ 10 އުފެއްދުމެއް ހިމެނޭއިރު، އެއްފަހަރު ޗާޖުކޮށްލައިގެން 800 ކިލޯމީޓަރަށް ދަތުރުކުރެވޭ އައު އިލެކްޓްރިކް ވެހިކަލް (އީވީ) އެއްވެސް ހިމެނެއެވެ.
މިހާރު ބީއެމްޑަބްލިއުއިން ބާޒާރަށް ނެރެފައިވާ ގިނަ އިލެކްޓްރިކް ކާރުތަކަކީ އެއްފަހަރު ޗާޖުކޮށްލައިގެން ގާތްގަނޑަކަށް 500 ކިލޯމީޓަރަށް ދަތުރުކުރެވޭ އުޅަނދުތަކެކެވެ. އެ ކުންފުނިން ވޭތުވެދިޔަ 2025 ވަނަ އަހަރުވެސް ވަނީ 20 އުފެއްދުމެއް ބާޒާރަށް ނެރެފައެވެ.
އިންޑިއާގެ މާކެޓުގައި ބީއެމްޑަބްލިއުއިން ވަނީ ރެކޯޑު މިންވަރަކަށް ކުރިއެރުން ހޯދާފައެވެ. އެގޮތުން 2025 ވަނަ އަހަރު ޖުމްލަ 18،001 ކާރު ވިއްކާފައިވާއިރު، މިއީ 2024 ވަނަ އަހަރު ވިއްކި 15،723 ކާރާ އަޅާބަލާއިރު 14.48 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި 17,271 ބީއެމްޑަބްލިއު ކާރާއި، 730 މިނީ ކާރު ހިމެނެއެވެ. މީގެ އިތުރުން އެ ކުންފުނީގެ ސައިކަލް ބްރޭންޑް ކަމަށްވާ ބީއެމްޑަބްލިއު މޮޓޯރާޑުން ވަނީ 5,841 ސައިކަލު ވިއްކާފައެވެ.
ބީއެމްޑަބްލިއު ގްރޫޕް އިންޑިއާގެ ރައީސް އަދި ސީއީއޯ ހަރްދީޕް ސިންގް ބްރާރު ވިދާޅުވީ، ކޮވިޑަށްފަހު އެ ކުންފުނިން އަހަރަކު 14 އާއި 15 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ހޯދަމުން އަންނަ ކަމަށެވެ. އަދި މިހާރު 40 ސިޓީއެއްގައި ހިދުމަތް ދެމުންދާއިރު، 2026 ވަނަ އަހަރުގެ ނިޔަލަށް 50 ސިޓީއަކަށް ހިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޓްރިކް ވެހިކަލްތަކަށް ބަލާއިރު، ބީއެމްޑަބްލިއު އިން ވަނީ އިންޑިއާގެ ލަގްޒަރީ އީވީ މާކެޓުގެ ބޮޑު ބައެއް ކާމިޔާބުކޮށްފައެވެ. ވޭތުވެދިޔަ އަހަރު އެ ކުންފުނިން ވިއްކި އުޅަނދުތަކުގެ 21 އިންސައްތައަކީ އީވީއެވެ. މިއީ އޭގެ ކުރީ އަހަރުގެ 8 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ބީއެމްޑަބްލިއު އިން ވަނީ 6,000 އަށްވުރެ ގިނަ ޗާޖިންގ ޕޮއިންޓް ގާއިމުކޮށްފައެވެ. ބްރާރު ވިދާޅުވި ގޮތުގައި، ކޮންމެ 300 ކިލޯމީޓަރަކުން ޗާޖިންގ ޕޮއިންޓެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކަސްޓަމަރުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. މީގެ އިތުރުން، ކާރު އަނބުރާ ގަތުމުގެ ޔަގީންކަންދޭ "އެޝުއަރޑް ބައިބެކް" ޕްރޮގްރާމާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުގެ ސަބަބުންވެސް އީވީ ވިކޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

