ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން، މިއަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި އައު ރިސޯޓުތައް ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ލަފާކުރައްވައެވެ. މިއަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް އެންޑް ސިކްސް (ރަށްގިލި) އަދި ދޮންމާގާ މޯލްޑިވްސް ހިމެނެއެވެ.

މިދިޔަ އަހަރަކީވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އަލަށް 6 ރިސޯޓެއް ވަނީ ހުޅުވާފައެވެ. އޭގެ ތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް، ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު، މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯ އަދި ރިއު ޕެލަސް ރިސޯޓު ހިމެނެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 44,697 އަށް އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެއީ 13,500 އަށްވުރެ ގިނަ އެނދާއެކު މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ. ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި 5,800 އަށްވުރެ ގިނަ އެނދު ހުރިއިރު، އެއީ ޖުމްލަ އެނދުގެ 13 އިންސައްތައެވެ.

މިދިޔަ އަހަރަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، ބޮޑު އާމްދަނީއެއް ލިބުނު އަހަރެކެވެ. އެގޮތުން 2,240,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200,000 ފަތުރުވެރިންގެ އިތުރުވުމެކެވެ. އަދި ފަތުރުވެރިން ހޭދަކުރި ފައިސާގެ އަދަދު ވަނީ 5.4 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *