ނިމިދިޔަ 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމލަ 107,205,043 (ސަތޭކަ ހަތް މިލިޔަން ދެލައްކަ ފަސްހާސް ސާޅީސް ތިނެއް) ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 102,281,507 ރުފިޔާއާ އަޅާބަލާއިރު %4.8 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ބަލައިގަނެފައިވަނީ މާރިޗު މަހުއެވެ. އެ މަހު 23 މިލިޔަން ރުފިޔާ ބަލައިގަނެފައިވާއިރު، ދެވަނައަށް އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ޖުލައި މަހުއެވެ. އެއީ 12 މިލިޔަން ރުފިޔާއެވެ. އަދި އޭޕްރީލް މަހު 11 މިލިޔަން ރުފިޔާ ވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، ޑިސެމްބަރު 21 އިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާއެވެ. މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 11,191.95 ރުފިޔާގައެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެންނައިރު، ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގުތައް ހާމަކުރަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިންނެވެ. މިހާރު ބާޒާރުގައި ރިހި ގްރާމެއްގެ އަގު 32.82 ރުފިޔާގައި ހުރިއިރު، ރަން ގްރާމެއްގެ އަގު ހުރީ 2,149.39 ރުފިޔާގައެވެ.
މުދަލު ޒަކާތަކީ ތިމާގެ މުދަލުގައި ޝަރުޢީ މިންވަރު (ނިސާބު) ހަމަވުމުން އޭގެއިން ނެރުން ވާޖިބުވާ މިންވަރެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މީރާއިން ހަމަޖައްސާފައިވާއިރު، އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމާއި، ދައްކަންޖެހޭ މިންވަރު ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

