ދިރާގުގެ ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޚާއްސަކޮށްގެން، އަގުހުރި އިނާމުތަކެއް ލިބޭ ބޮޑު ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު އިއުލާނުކޮށްފިއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުންނަށް ހިލޭ ސްމާޓް ކެމެރާ ލިބުމުގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބިގެންދާނެއެވެ.

ދިރާގުން ބުނި ގޮތުގައި، އަލަށް މި ޚިދުމަތް ހޯދާ ފަރާތްތަކާއި، މިހާރު ވެސް ފައިބާ ބްރޯޑްބޭންޑް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑް ކުރާ ފަރާތްތަކަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުތަކަށް ބަލާއިރު، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ އައު ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ 'އިންޑޯ ސްމާޓް ކެމެރާ' އެއް ލިބޭނެއެވެ. އަދި 50 އެމްބީޕީއެސްއިން ފެށިގެން މަތީގެ ޕެކޭޖެއް ޚިޔާރުކުރާ މީހުންނަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، މިހާރު ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ހިލޭ ލިބޭނެއެވެ. ދިރާގުން ފާހަގަކުރި ގޮތުގައި މިއީ ހަލުވި ސްޕީޑުގެ އިންޓަނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ހިލޭ ލިބޭ ކެމެރާގެ އިތުރުން، މި ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ޚާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ހަތަރު ހަފުތާއަށް ބަހާލައިގެން ކުރިއަށްގެންދާ މި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ލިބޭނީ 65 އިންޗީގެ ސްމާޓް ޓީވީއެކެވެ.

މި ޕްރޮމޯޝަނަކީ އިތުބާރުހުރި، ހަލުވި ފައިބާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ސްމާޓް ހޯމް ސޮލިއުޝަންތަކާއި ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *