މިދިޔަ އަހަރު ރާއްޖޭގެ އެއާޕޯޓްތަކުން ފުރި ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ. މިއީ ގާތްގަނޑަކަށް %65.7 ގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ބުނާގޮތުން، 2025 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ހަމައެއާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މިދިޔަ އަހަރު 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު މި ފީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ.

މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާ ރޭޓްތައް:

  • އިކޮނޮމީ ކްލާސް: ދިވެހިން – 12 ޑޮލަރު / ބިދޭސީން – 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީން – 60 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީން – 90 ޑޮލަރު
  • ޕްރައިވެޓް ޖެޓު: ދިވެހިންނާއި ބިދޭސީން – 120 ޑޮލަރު

ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް 1 ޖަނަވަރީ 2022 ގައި ތައާރަފުކުރި ޓެކުހެކެވެ. މި އާމްދަނީއަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި އެއާޕޯޓް ތަރައްގީކުރުމަށް ދައުލަތުން ކުރާ ހޭދަތަކަށް ލިބޭ މުހިންމު އެހީތެރިކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *