ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ މޯބައިލް ފޯނު ވިއްކާ ފިހާރައަކަށް، މީގެ 16 އަހަރު ކުރިން ނުވަތަ 2010 ވަނަ އަހަރު އޯޑަރުކުރި ނޮކިއާ ފޯނުތަކެއް މިދިޔަ ހަފްތާގައި ލިބިއްޖެއެވެ. މިއީ ލީބިޔާގައި ހިނގި ދާޚިލީ ހަނގުރާމައާއި، އެ ގައުމުގެ އިންފްރާސްޓްރަކްޗަރ ހަލާކުވުމުގެ ސަބަބުން ދިމާވި އާދަޔާޚިލާފު ހާދިސާއެކެވެ.
މި ފޯނުތަކަކީ 2011 ވަނަ އަހަރު ލީބިޔާގައި ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެން ލޮޖިސްޓިކްސް މެދުކެނޑި، ކަސްޓަމްސްގެ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން ގުދަންތަކެއްގައި ތާށިވެފައި ހުރި ތަކެއްޗެވެ. މި ޝިޕްމަންޓް ފިހާރައަށް ލިބުމުން، އެތަކެތި އަންބޮކްސް ކުރަމުން ދިޔަ ވަގުތު ފިހާރައިގެ ވެރިޔާއަށް ވަނީ ނުހިފެހެއްޓިގެން ހިނިގަނޑު ފަޅައިގެންގޮއްސައެވެ. އޭނާ މަޖާޒީ ގޮތެއްގައި ބުނެފައިވަނީ، "މިއީ ފޯނުތަކެއްތަ ނުވަތަ ތާރީޚީ އާސާރީ ތަކެތިތަ؟"
މި ޝިޕްމަންޓުގައި ހިމެނެނީ އެ ޒަމާނުގައި ވަރަށް މަގުބޫލުވި "މިއުޒިކް އެޑިޝަން" ފޯނުތަކާއި ނޮކިއާ "ކޮމިއުނިކޭޓަރ" ފަދަ މޮޑެލްތަކެވެ. މި ތަކެތި ފޮނުވި ފަރާތާއި ލިބެންޖެހޭ ފަރާތަކީ ވެސް ޓްރިޕޮލީގައި އެކަކު އަނެކަކާ މަދު ކިލޯމީޓަރުތަކެއްގެ ދުރުމިނުގައި ތިބި ބަޔަކަށް ވީނަމަވެސް، ހަނގުރާމައިގެ ސަބަބުން މި ތަކެތި ލިބުމަށް 16 އަހަރު ނެގީއެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. ބައެއް މީހުން ބުނެފައިވަނީ މި ފޯނުތަކަކީ މިހާރުގެ ޓެކްނޮލޮޖީއާ އަޅާބަލާއިރު ބާވެފައިވާ އެއްޗެއް ނަމަވެސް، މިއީ މިހާރުގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބަލާއިރު "ޓްރެކް" ނުކުރެވޭނެ އަގުހުރި އެއްޗެއް ކަމަށެވެ. އަދި އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔޭގެ މާކެޓުގައި "ވިންޓޭޖް" ތަކެއްޗަށް އޮންނަ ޑިމާންޑުގެ ސަބަބުން، މި ފޯނުތައް މިހާރު ވިއްކައިގެން ބޮޑު ފައިދާއެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
މި ހާދިސާއަކީ ހަމަ އެކަނި މަޖާ ހާދިސާއެއްގެ އިތުރުން، ގައުމެއްގައި ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން އާންމު ދިރިއުޅުމާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމެކެވެ. ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މީހަކު ބުނި ގޮތުގައި، "މި ވީޑިއޯ ފެނުމުން ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ.ނަމަވެސް މިއީ ގައުމެއްގެ ހާލަތު ބަދަލުވެގެންދިޔަ ގޮތުގެ ހިތާމަވެރި ހަގީގަތެއް ވެސް މެއެވެ.

