ސައުދީ އަރަބިއްޔާގައި ބިނާކުރަމުންދާ، ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ޝަރަފު ހޯދާނެ ކަމަށް ބެލެވޭ "ޖިއްދާ ޓަވަރު" ގެ 80 ފަންގިފިލާގެ މަސައްކަތް ނިމި، އެ މަޝްރޫޢަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

މި މަޝްރޫޢުގެ އިންޖިނިއަރިންގ މަސައްކަތްތަކާ ހަވާލުވެފައިވާ ތޯންޓަން ތޯމަސެޓީން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ 80 އަށްވުރެ ގިނަ ފަންގިފިލާގެ މަސައްކަތް ވަނީ ނިމިފައެވެ. މިއީ ދުބާއީގައި ހުންނަ ބުރުޖު ޚަލީފާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ކަނޑައެޅުމަށް ސައުދީން ކުރިއަށްގެންދާ ވަރަށް އުންމީދީ މަޝްރޫޢެކެވެ.

ޖިއްދާ ޓަވަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އެ އިމާރާތުގެ އުސްމިނުގައި 1،000 މީޓަރު (3،280 ފޫޓު) ހުންނާނެއެވެ. އަދި މުޅި އިމާރާތް ގާތްގަނޑަކަށް 57 މިލިއަން އަކަފޫޓުގެ ސަރަހައްދަކަށް ފެތުރިގެންދާނެއެވެ. މިއީ އިންސާނުން މިހާތަނަށް ބިނާކުރާ އެންމެ ބިޔަ އަދި އެންމެ އުސް އެއް އޮނިގަނޑަށް ވެގެންދާނެއެވެ.

މި މަޝްރޫޢަކީ ސައުދީ އަރަބިއްޔާގެ އިގްތިސާދު ހަމައެކަނި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް އެ ގައުމުގެ ސަރުކާރުން ގެންގުޅޭ ތަަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަޝްރޫޢުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިހާރު ލިބިފައިވާ ކުރިއެރުމަކީ ސައުދީ އަރަބިއްޔާގެ ފަޚުރެއްގެ ގޮތުގައި މި ބިނާ ނިންމުމަށް މަސައްކަތްކުރާ ހުރިހާ ޓީމުތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

މިހާރު ތާވަލުކުރެވިފައިވާ ގޮތުން ޖިއްދާ ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2028 ވަނަ އަހަރުއެވެ. މީގެ އިތުރުންވެސް ސައުދީން ދަނީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރިޔާޟްގައި ބިނާކުރުމަށް ހުށަހަޅާފައިވާ 5 ބިލިއަން ޑޮލަރުގެ "ރައިޒް ޓަވަރު" ހިމެނެއެވެ. އެ އިމާރާތް ނިމޭއިރު 2 ކިލޯމީޓަރުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެއެވެ.

ޖިއްދާ ޓަވަރަކީ ހަމައެކަނި އުސް އިމާރާތެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ސައުދީ އަރަބިއްޔާގެ އިގްތިސާދީ ވަރުގަދަކަން ދައްކުވައިދޭނެ މުހިންމު ރަމްޒެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *