ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ލާޒިމްކުރާ ވެންޑަރ ލައިސަންސް، ރާއްޖޭގެ 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށްޓަކައި ވަކި ޚާއްޞަ ލައިސަންސެއް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް، އެކަމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކުރާ އާންމު ވިޔަފާރި ހުއްދައިގެ އިތުރުން، ޞިއްޙީ ވުޒާރާއިން ދޫކުރާ ޚާއްޞަ ލައިސަންސެއް މިހާރު ހޯދަންޖެހެއެވެ. އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މިހާތަނަށް 437 ވިޔަފާރިއަކަށް ވެންޑަރ ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 31 ފަރާތަކަށް ޓޮބޭކޯ އިމްޕޯޓް ލައިސަންސް އަދި 2 ފަރާތަކަށް ރީ-އެކްސްޕޯޓް ލައިސަންސް ވަނީ ދޫކޮށްފައެވެ.

މި ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ތެރެއިން، ރާއްޖޭގައި ވިއްކާ ދުންފަތުގެ ކޮންމެ ބާވަތެއްވެސް ރަޖިސްޓްރީ ކުރަން ޖެހޭއިރު، މިދިޔަ މަހުގެ ނިޔަލަށް 312 ބާވަތެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާއިރު، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.

މީގެއިތުރުން، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ކުދިންނަށް ދުންފަތް ގަނެވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" އެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުގެ މި ނިންމުންތަކަކީ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *