ރާއްޖޭގެ ސްޓާޓްއަޕް އިކޯސިސްޓަމް ކުރިއެރުވުމަށް މަސައްކަތްކުރާ ސްޕާކްހަބްގެ ފުރަތަމަ ބައިނަލްއަޤްވާމީ ކޮމިއުނިޓީ އިވެންޓް 'ހަޑްލް މެލޭޝިއާ' ކާމިޔާބުކަމާއެކު މެލޭޝިއާގައި ނިންމާލައިފިއެވެ.

މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ފައުންޑަރުުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް ޖަމާވެ، ސަރަހައްދީ އިމުގެ ތެރޭގައި ނުބެދި ވިޔަފާރިކުރުމުގެ ރޫހު (އޮންޓްރަޕްރިނިއަރޝިޕް) ފާހަގަކުރުމަށް ބޭއްވުނު ތާރީޚީ ހަރަކާތެކެވެ. ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ ދިވެހި ސްޓާޓްއަޕް ފައުންޑަރުުންގެ މަސައްކަތް ދައްކާލުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދިވެހި ކޮމިއުނިޓީގެ ގުޅުން ބަދަހިކުރުމަކީ ސްޕާކްހަބްގެ މުހިންމު ލަނޑުދަނޑިއެކެވެ.

'ހަޑްލް' އަކީ ނެޓްވޯކިން އާއި ސްޓޯރީޓެލިންއަށް ޚާއްޞަކޮށްގެން ސްޕާކްހަބް އިން ހިންގާ އެންމެ ފާހަގަކޮށްލެވޭ ޕްލެޓްފޯމެވެ. މިއީ ވިޔަފާރި ބިނާކުރުމުގައި ފައުންޑަރުުންނަށް ކުރެވޭ ހަގީގީ ތަޖުރިބާތަކާއި، ލިބޭ ފިލާވަޅުތަކާއި އަދި ވިސްނުންތައް ހިއްސާކުރުމަށް ހުޅުވާލެވިފައިވާ މަންސައެކެވެ. ރާއްޖޭގައި މި ހަރަކާތް ފެށި ފަހުން މިހާތަނަށް ހަތަރު އެޑިޝަނެއް ވަނީ ބާއްވާފައެވެ.

މެލޭޝިއާގައި ބޭއްވުނު މި ސެޝަންގައި ވާހަކަދެއްކެވި ހަތަރު ދިވެހި ފައުންޑަރުުންނަކީ:

  1. މުޙައްމަދު ފައުޒާން (ޕްލަކްގެ ފައުންޑަރު): ފިންޓެކް ދާއިރާއިން އޭއައި (AI) ޕްރޮޑަކްޓެއް ބިނާކުރުމަށް ކުރި ދަތުރާއި، އައު ޤައުމެއްގައި އަލުން ފެށުމުގެ ހަގީގަތްތައް ހިއްސާކުރެއްވިއެވެ.
  2. މާއިލް (ޓައިނީ އެޕް ސްޓޫޑިއޯގެ ފައުންޑަރު): އިންޑީ އެޕް ޑިވެލޮޕަރެއްގެ ގޮތުގައި 20 އަށްވުރެ ގިނަ އެޕް ނެރުއްވައި، 'ސައިޑް ޕްރޮޖެކްޓް' ތައް ދުނިޔޭގެ ފެންވަރުގެ ވެންޗަރތަކަށް ބަދަލުކުރެއްވި ގޮތް ކިޔައިދެއްވިއެވެ.
  3. ޝާފިޢު (އޮވިއާޓޯގެ ކޯފައުންޑަރު): ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ވޮލެޓްތައް އާންމުންނަށް ފަސޭހަ އެއްޗަކަށް ހެދުމަށް ކުރައްވާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
  4. އަފްރާޙް (ފެމިލީ ރޫމް ކޮފީގެ ކޯ-ފައުންޑަރު): ފޮރެންސިކް ސްޕެޝަލިސްޓެއްގެ ވަޒީފާއިން ކޮފީ ވިޔަފާރިވެރިއަކަށް ބަދަލުވެ، މެލޭޝިއާގައި ވިޔަފާރި ފުޅާކުރި ގޮތުގެ ވާހަކަ ކިޔައިދެއްވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޕާކްހަބްގެ ކޯ-ފައުންޑަރު އަދި ސީއީއޯ ޙުސައިން ޖިނާން ވިދާޅުވީ، ހަޑްލް ރާއްޖެއިން ބޭރަށް ގެންދިއުމަކީ ދިވެހި ފައުންޑަރުުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތް މުޅިން އާ ގޮތަކަށް ބައްޓަންކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި 2026 ވަނަ އަހަރަކީ ބައިނަލްއަޤްވާމީ ދިވެހި ސްޓާޓްއަޕް އިކޯސިސްޓަމެއް ބިނާކުރުމަށް ސްޕާކްހަބް އިން އަމާޒު ހިފާފައިވާ އަހަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިވެންޓްގެ ކޮފީ ޕާޓްނަރަކީ 'ފެމިލީ ރޫމް ކޮފީ' އެވެ. 50 އަށްވުރެ ގިނަ ބައިވެރިންނާއެކު ބޭއްވުނު މި ހަރަކާތަކީ މެލޭޝިއާގައި ތިބި ދިވެހި ޒުވާނުންނަށް އުނގެނުމާއި، ހިތްވަރު ލިބިގަތުމަށް މަގުފަހިވެގެންދިޔަ އިތުބާރުހުރި މާހައުލެކެވެ. މިއީ ރާއްޖެއިން ބޭރުގައި ދިވެހި ވިޔަފާރިތަކުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ރީތި މިސާލެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *