އައްޑޫ ސިޓީގެ ހިތްގައިމު މާހައުލުގައި ދަނޑުވެރިކަން ކުރައްވަމުން ގެންދަވާ ހަސަން ޝިނާން (ސިނާ) އަކީ މިއަދު ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް އައު އިންގިލާބެއް ގެނައުމަށް އަތުކުރި އޮޅާލައިގެން ހުރި ހީވާގީ ދަނޑުވެރިއެކެވެ. ސިނާގެ އަމާޒަކީ އޯގަނިކް ދަނޑުވެރިކަމާއި ފަތުރުވެރިކަން ގުޅުވާލައިގެން، ރާއްޖެއަށް އައު "އެގްރި-ޓޫރިޒަމް" ކޮންސެޕްޓެއް ތަޢާރަފުކުރުމެވެ.
މި މަސައްކަތުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، ދުނިޔޭގެ މަޝްހޫރު ފުޑް ވްލޮގަރ މާކް ވީންސް ސިނާގެ ދަނޑަށް ޒިޔާރަތްކުރުމެވެ. "މައިގްރޭޝަނޮލޮޖީ" ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް އިޝްތިހާރުކުރާ މާކް ވީންސް ވަނީ ސިނާގެ ފާމުން ތާޒާކަމާއެކު ބިނދެލި ބާވަތްތަކުން ތައްޔާރުކޮށްފައިވާ އައްޑޫގެ ސަގާފީ ކެއުންތަކުގެ ރަހަ ބަލައި، އެކަމަށް ތައުރީފުކޮށްފައެވެ. ސިނާ ވިދާޅުވާ ގޮތުގައި މާކް ވީންސް ފަދަ ބޭފުޅަކު މި ފާމަށް ޒިޔާރަތްކުރުމަކީ މި ކޮންސެޕްޓް ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

"ވިޔަފާރިއެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ސިނާ ވިދާޅުވީ، އޭނާގެ މި އައު ކޮންސެޕްޓްގެ މަޤްޞަދަކީ ދަނޑުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ދަނޑެއްގެ ތެރޭގައި ދިރިއުޅުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމެވެ. މިގޮތުން، ފާމްގައި ހުންނަ "ފާމްސްޓޭ"ގައި ފަތުރުވެރިންނަށް އަދި ދަނޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޑޭޔޫސްގެ ގޮތުގައި މަޑުކޮށްލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމިއްލައަށް ދަނޑުން ތަކެތި ބިނދެގެން، ތާޒާކަމާއެކު ކެއުން ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ހަމައެކަނި ފަތުރުވެރިންނަށް އޮތް ފުރުޞަތެއް ނޫނެވެ. ކައިރި ރަށްރަށުގެ މީހުންނާއި ދިވެހީންގެ ތެރެއިންވެސް ދަނޑުވެރިކަމުގެ ދިރިއުޅުން ތަޖުރިބާ ކޮށްލަން ބޭނުން ކޮންމެ މީހަކަށް މިފުރުޞަތު އޮންނާނެކަމަށް ސިނާ މައުލޫމާތުދެއްވައެވެ. އަދި ދުވާލު މަޑުކޮށްލުމަށްފަހު ދަނޑުގެ ކަންކަމާއި ރަހަތައް ތަޖުރިބާ ކުރެވޭނެއެވެ.

ސިނާގެ މި މަޝްރޫޢަކީ 100 އިންސައްތަ އޯގަނިކް މަޝްރޫޢެކެވެ. މިވަގުތު ދަނޑުގައި ޖުމްހޫރީ މޭވާ ، ޒުވާރީގެ 3 ކުލައެއް ، ލެޓިއުސް ، ކިއުކަންބަރ ހައްދައެވެ. މިހާރު އެންމެ ޙާއްސަ އުފެއްދުމަކަށް ހުރީ "ޖިކާމާ" ނަމަކަށްކިއާ މެކްސިކަން ފަލަމަޑީގެ ބާވަތެކެވެ. ޖިކާމާ އަކީ ރާއްޖޭގައި މިހާތަނަށް ހައްދާ އެއްޗެއްކަން އެނގިފައި ނުވާކަމަށް ސިނާ ވިދާޅުވިއެވެ. އަދި މިއީ އަލުވި ، ކައްޓަލަ ފަދަ ގޮތަކަށް ހުންނަ ބާވަތެއް ކަމުގައި ވިޔަސް އެބާވަތްތަކަށް ވުރެން ގިނައިން ފައިދާ އެކުލެވޭ އެެއްޗެކެވެ. ފައިބަރ އދި ވިޓަމިންސް ގިނައިން އެކުލެވޭ ޖިކާމާއަކީ ބަނޑުގެ އެކިކަހަލަ މައްސަލަތަކަށް ރަނގަޅު ބާވަތެކެވެ.
ސިނާގެ އުންމީދަކީ އައްޑޫގެ ހުރިހާ ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށްވެސް މި ތަފާތު ތަޖުރިބާ ފޯރުކޮށްދިނުމެވެ. އަދި ކުރިމަގުގައި ރާއްޖެއިން ނުލިބޭ އައު ބާވަތްތައް ގެނެސް، އައްޑޫގެ ފަސްގަނޑާއި މޫސުމާ ގުޅޭތޯ ބަލައި، އެ ތަކެތި މުޑުވައްކުރުމަކީވެސް ސިނާގެ ބޮޑު އުންމީދެކެވެ. ސިނާ ހާމަކުރިގޮތުގައި ފާމްސްޓޭ ކޮންސެޕްޓަކީ ރާއްޖެއަށް މިވަގުތު އަައު ކަމެއްގެ ގޮތުގައި ވީނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ކުރިއަރަމުން އަންނަ ސިނާއަތެއް ކަމަށެވެ.

ދަނޑުވެރިކަމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން މީގެ ތިން އަހަރު ކުރިން މި މަސައްކަތް އެކަނިމާއެކަނި ފެށި ނަމަވެސް، ސިނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ. އެހެންކަމުން، ސަރުކާރުގެ ފަރާތުން ގްރާންޓް ނުވަތަ ލޯނުގެ އެހީތެރިކަން ލިބިއްޖެނަމަ، މި މަސައްކަތް އިތުރަށް ފުޅާކުރެވޭނެއެވެ. ސިނާގެ އަނެއް ވިސްނުމަކީ އެހެން ދަނޑުވެރިންނަށް ކެމިކަލް ބޭނުންނުކޮށް އޯގަނިކްކޮށް ދަނޑުވެރިކަން ކުރާނެ ގޮތުގެ ތަމްރީނު ދިނުމެވެ. އޭނާ ދަނޑުގައި ބޭނުންކުރަނީ މަހުގެ ބައިތަކާއި ކުނޑި ބޭނުންކޮށްގެން އަމިއްލައަށް އުފައްދާ ގަސްކާނާއެވެ.

ގާތް އެކުވެރިންގެ އެހީތެރިކަމާއެކު ސިނާ ކުރަމުންދާ މި ބުރަ މަސައްކަތަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބޭނެ އިތުރު ކުރިއެރުމެކެވެ. ސިނާ ވިދާޅުވިގޮތުގައި ވަގުތީ ފައިދާއަށްވުރެން ބޭނުމީ ދަނޑުވެރިކަން ފުޅާވެ އިތުރަށް ތަރައްޤީވެގެންދިއުމެވެ. އެކަނިމާއެކަނި މިމަސައްކަތް ފަށައިގެން ކުރިއަށްގޮސް މިހާރު ސިނާގެ ދަނޑަށް ވަނީ އިތުރު ދެމުވައްޒަފުން ނަގާފައެވެ. ޤަވާއިދުތަކުގެ ތެރެއިން މި ކޮންސެޕްޓަށް ހުއްދަ ލިބިއްޖެނަމަ، މިއީ ރާއްޖޭގެ ދަނޑުވެރިކަމާއި ފަތުރުވެރިކަން ގުޅުވާލުމުގެ ފާހަގަކޮށްލެވޭ ނަމޫނާއަކަށް ވެގެންދާނެއެވެ.

