މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު، ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ވިސާ އާ ގުޅިގެންނެވެ. އެހެންކަމުން، މި މުބާރާތުގެ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު އޮތީ ބީއެމްއެލްގެ ވިސާ ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް އެކަންޏެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުން ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ބޭންކުން ވަނީ އެދިފައެވެ. ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލްގެ ޕީއޯއެސް މެޝިނުން ވިސާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް، ނުވަތަ ކިއުއާރު ކޯޑު ސްކޭންކޮށްގެން މަހެއްގެ މައްޗަށް މަދުވެގެން 15,000 ރުފިޔާ ހޭދަކުރާ ކަސްޓަމަރުންނަށެވެ. ބޭންކުން ބުނި ގޮތުގައި 15,000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ވަރަކަށް ލަކީ ޑްރޯއިން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އޭނާ އިޚްތިޔާރުކުރާ އިތުރު މީހަކާއެކު ވޯލްޑް ކަޕް ފައިނަލް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުގެ އިތުރުން ފައިނަލް މެޗުގެ ދެ ޓިކެޓު ބޭންކުން ހަމަޖައްސައިދޭނެއެވެ.

މިއަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ވޯލްޑް ކަޕަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތެކެވެ. މިއީ 32 ގައުމުގެ ބަދަލުގައި 48 ގައުމަކުން ވާދަކުރާ، ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ އީސްޓް ރުތަފޯޑުގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައެވެ. ގާތްގަނޑަކަށް 93,000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން މެންދުރުފަހު 3:00 ގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *