ހުޅުމާލޭގައި ހިންގަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމުންގެންދާ ސިއްހީ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުތަކެއް ގެނެސް، އެ ބަދަލުތަކަށް އަމަލުކުރަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތްތަކުގެ އަގަށް މި ބަދަލު ގެނެސްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަގުތަކަށް ބަދަލު ގެންނަކަން ހާމަކޮށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ދުނިޔޭގެ ފެންވަރުގައި ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.

އަގުތަކަށް ގެނައި ބަދަލުގެ ތަފްސީލް ބަޔާނުގައި ހިމަނާފައި ނުވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި ޑޮކްޓަރުންނަށް ދައްކަން ނަގާ ފީ އާއި ބައެއް ފަރުވާތަކުގެ އަގުތައް ވަނީ ކުރިއަށްވުރެ ބޮޑުކޮށްފައެވެ.

މަލްޓި-ސްޕެޝަލިޓީ ހިދުމަތްތަކާ އެކު 2018 ވަނަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހު ހުޅުވި މި ހޮސްޕިޓަލުން ބުނި ގޮތުގައި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިތުރު 30 ސްޕެޝަލިޓީއެއް ތައާރަފްކޮށް، އެކްސްޕާޓް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ ފުރިހަމަ ޓީމަކުން މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

"މި މުހިއްމު ފިޔަވަޅަކީ މި ހޮސްޕިޓަލުން އެންމެ މަތީ ފެންވަރުގެ ސިއްހީ ތަޖުރިބާ އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ޕޭޝަންޓް ފޯކަސް ކެއާ ފޯރުކޮށްދިނުމަށް ދޭ ސަމާލުކަން ދަމަހައްޓައި، އަމިއްލަ އާއިލާ ގާތުގައި ތިބެގެން ވެސް ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ދެމެހެއްޓުމަށް އެޅި ފިޔަވަޅެއް،" ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރް ޖީ ވިދާޅުވީ، އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ހާލަތު ބަދަލުކޮށް، ބޮޑެތި ފަރުވާތަކަށް ދިވެހިން ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުން ކަމަށެވެ. އަދި ކޮމްޕްލެކްސް ސާޖަރީތަކާއި ޕާސަނަލައިޒްޑް ކެއާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށްޓަކައި، މާލީ ގޮތުން ދެމެހެއްޓެނެވި ނިޒާމެއް އޮތުން މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ގެނެވުނު ބަދަލަކީ ހޮސްޕިޓަލަށް ބޭނުންވާ ޒަމާނީ އިންވެސްޓްމަންޓްތައް ކުރުމަށާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ބަދަލެއް ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް ބުނީ، ރާއްޖޭން ބޭރަށް ދިއުމުގައި އުފުލަންޖެހޭ ތަކްލީފުތައް ނައްތާލައި، ރާއްޖޭގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލުން ދެމި އޮންނާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *