ރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި، ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯޕެކް ފަންޑް) އާ ދެމެދު "ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް" އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ގައުމީ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު މުހިންމު އޮނިގަނޑެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި މީގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، މިއީ ދަތުރުފަތުރާއި، ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ޒަމީރު ވަނީ 1977 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން އޯޕެކް ފަންޑުން ފޯރުކޮށްދެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މި ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައެވެ.
އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

