މަޝްހޫރު އައިސްކްރީމް ބްރޭންޑެއް ކަމަށްވާ މެގްނަމްއިން، އެ ކުންފުނީގެ މުޅިން އަައު "ސިގްނޭޗަރ ރޭންޖް" އިފްތިތާހުކޮށް، ދެ ފްލޭވަރއެއްގެ އައިސްކްރީމް ބާޒާރަށް ނެރެފިއެވެ. "ދަ މެގްނަމް އައިސްކްރީމް ކޮމްޕެނީ" ގެ ދަށުން ނެރުނު މި އައު އުފެއްދުންތަކަކީ "މެގްނަމް ލަ ޕިސްޓާޝިއޯ" އަދި "މެގްނަމް ލަ ޕޭޝް" އެވެ.
މި އައު ރޭންޖުގެ ތެރެއިން "މެގްނަމް ލަ ޕިސްޓާޝިއޯ" ފަރުމާކޮށްފައިވަނީ ޕިސްޓާޝިއޯ ޖެލާޓޯއާއި ޕިސްޓާޝިއޯ އައިސްކްރީމް އެކުލެވޭ ގޮތަށެވެ. މީގެ ބޭރު ފަށަލައިގައި ލޮނު ރަހަ އެކުލެވޭ ކެރެމަލައިޒްޑް ޕިސްޓާޝިއޯ އެތިކޮޅުތަކާއެކު މެގްނަމްގެ މީރު ޗޮކްލެޓް ހިމެނެއެވެ. މެގްނަމްއިން މި ފްލޭވަރ ތައާރަފުކުރީ ޔޫކޭގެ ބާޒާރުގައި ޕިސްޓާޝިއޯގެ މަގުބޫލުކަން ބޮޑުވެ، 2025 ވަނަ އަހަރު މި ފްލޭވަރގެ ވިޔަފާރި 74 އިންސައްތަ އިތުރުވުމާ ގުޅިގެންނެވެ.
ދެވަނަ ފްލޭވަރ ކަމަށްވާ "މެގްނަމް ލަ ޕޭޝް" އަކީ ޕީޗް ޖެލާޓޯއާއި އޮމާން އައިސްކްރީމްގެ މައްޗަށް އެކުލެވޭ އުފެއްދުމެކެވެ. މީގެ ބޭރުގައި ޕީޗް ރަހަދޭ ހަކުރުގެ ކޮޅުތަކާއެކު މެގްނަމްގެ ޗޮކްލެޓް ހިމެނެއެވެ.
މި އުފެއްދުންތައް ބާޒާރުގައި ލިބެން ހުންނާނީ ދެ ބާވަތަކަށެވެ. އެއީ ތިން އައިސްކްރީމް ހިމެނޭ މަލްޓިޕެކް (4.25 ޕައުންޑަށް) އަދި ވަކިވަކިން ގަންނަން ލިބޭ ސިންގަލް ސްޓިކް (2.50 ޕައުންޑަށް) އެވެ. ޖެނުއަރީ މަހުން ފެށިގެން ހޯލްސޭލްކޮށް އަދި ބޮޑެތި ފިހާރަތަކުން މި އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މެގްނަމްގެ މާކެޓިން މެނޭޖަރު ޝެނަން ލެނަން-ސްމިތު ވިދާޅުވީ، މި އާ "ސިގްނޭޗަރ ރޭންޖް" އަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ އަރާމާއި އުފާވެރިކަން ގެނެސްދޭނެ ރަހަތަކެއް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ އައު ބާބެއްގެ ފެށުން ކަމަށާއި، އައު އީޖާދުތަކާއެކު ކަސްޓަމަރުން ބޭނުންވާ ފަދަ ތަފާތު ރަހަތައް ކުރިއަށް އޮތް ތަނުގައިވެސް ގެނެސްދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އައު އުފެއްދުންތައް އިޝްތިހާރު ކުރުމަށްޓަކައި ޓީވީ، އޯޑިއޯ އަދި މަގުމަތީގައި ހަރުކުރާ ބޯޑުތައް މެދުވެރިކޮށް މިލިއަނުން ޚަރަދުކޮށް ބޮޑު މާކެޓިން ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ކެމްޕޭން ކުރިއަށް އޮތް ހޫނު މޫސުމުގެ ދުވަސްވަރުގައި މުޅި ގައުމަށް ފުޅާކުރެވޭނެއެވެ.އުންމީދަކީ ރާއްޖޭގެ ބާޒާރުންވެސް މިފަދަ އައު އުފެއްދުންތައް ލިބިންހުރުމެވެ.

