ދުނިޔޭގެ މަޝްހޫރު ކުންފުނި ނެސްލޭއިން، އެ ކުންފުނީގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ "މިލްކީބާ" ގެ އައު އުފެއްދުމެއް ކަމަށްވާ "މިލްކީބާ ކްރަންޗީ ޕޮޕްސް ވައިޓް ޗޮކްލެޓް" އަންނަ ފެބްރުއަރީ މަހު ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.

މި އައު އުފެއްދުމަކީ ކްރަންޗީ ސީރިއަލް ބޯލްތަކެއްގެ ބޭރުގައި މިލްކީބާގެ ހާއްސަ ވައިޓް ޗޮކްލެޓް އުނގުޅައިގެން ތައްޔާރުކޮށްފައިވާ މީރު ފޮނިކާއެއްޗެކެވެ. "ޝެއަރިންގް ބޭގް" ނުވަތަ އެކި މީހުންނަށް ބަހާލައިގެން ކެވޭނެ ފަދަ ބޮޑު ޕެކެޓްތަކެއްގައި ލިބެން ހުންނަ މި އުފެއްދުމުގެ އަގަކީ 2 ޕައުންޑެވެ.

ނެސްލޭއިން ހާމަކުރި ގޮތުގައި މި ޗޮކްލެޓް ތައްޔާރުކޮށްފައިވަނީ ކްރީމީ ހޯލް މިލްކް (ކިރު) ބޭނުންކޮށްގެންނެވެ. އަދި މީގައި ބޭނުންކޮށްފައިވަނީ 'ރެއިންފޮރެސްޓް އެލަޔަންސް' ސެޓިފައިޑް ކޮކޯއެވެ. މީގެ އިތުރުން، އެއްވެސް އާޓިފިޝަލް ރަހައެއް  މީގައި ހިމަނާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އައު އުފެއްދުމާ އެކު، ނެސްލޭގެ މަގުބޫލު އެހެން އުފެއްދުމެއް ކަމަށްވާ "މަންޗީޒް ފަޖީ ސޯލްޓެޑް ކެރަމަލް"  ވެސް ޝެއަރިންގް ބޭގްތަކުގައި އަލުން ބާޒާރަށް ނެރުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ނެސްލޭ ކޮންފެކްޝަނަރީގެ މާކެޓިންގ މެނޭޖަރު ރޭޗަލް ބިއުފޯއީ ވިދާޅުވީ، މިއީ މިލްކީބާ ބްރޭންޑަށް ވަރަށް ފޯރިގަދަ އަހަރެއް ކަމަށާއި، މި އައު "ކްރަންޗީ ޕޮޕްސް" އަކީ އެ ކުންފުންޏަށް ވަރަށް ހާއްސަ އުފެއްދުމެއް ކަމަށެވެ. އަދި މީގެ މީރު ރަހައާއި ކްރަންޗީ ފީލް ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ކަމުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *