ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް، ޓޭމޫ އަށް އެ ގައުމުގެ ސަރުކާރުން ނުހައްގުން ސަބްސިޑީ ދޭ ކަމަށް ބުނެ، ދުނިޔޭގެ އެކި ގައުމުތަކުގެ ކުދި ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ތުރުކީގައި ހުންނަ އެ ކުންފުނީގެ އޮފީހަށް އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ވަދެ އިންސްޕެކްޝަނެއް ހިންގައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕުގައި ހުންނަ ޓޭމޫގެ މައި އޮފީހަށް ވެސް ކަމާގުޅޭ އިދާރާތަކުން ވަދެފައިވާއިރު، ތުރުކީގައި ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން ޓޭމޫގެ އޮފިޝަލަކު ވިދާޅުވީ ތުރުކީގެ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި އިންސްޕެކްޝަން ހިންގި ސީދާ ސަބަބެއް ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް، އޮފީހުގައި ހުރި ލެޕްޓޮޕްތަކާއި ކޮމްޕިޔުޓަރުތައް ކަމާގުޅޭ އިދާރާތަކުން ވަނީ ގެންގޮސްފައެވެ.

ނަމަވެސް، ތުރުކީގެ ކަމާގުޅޭ އިދާރާއިން ވަނީ ކޮމްޕިޔުޓަރުތައް ގެންދިޔަ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި ޓޭމޫގެ އޮފީހަށް ވަނީ "އޮން-ސައިޓް އިންސްޕެކްޝަނަކަށެވެ". އަދި އެ ކުންފުންޏާ ދެކޮޅަށް ރަސްމީކޮށް އެއްވެސް ތަހުގީގެއް އަދި ފަށާފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޗައިނާގެ ޕީޑީޑީ ކުންފުނީގެ ދަށުން ހިންގާ ޓޭމޫ އަކީ ސްމާޓްފޯނުން ފެށިގެން އަންނައުނާ ހަމައަށް ތަފާތު ގިނަ ބާވަތްތަކުގެ މުދާ އިންތިހާ އަށް ހެޔޮ އަގުގައި ވިއްކާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ގަންނަ މުދާ ޗައިނާއިން ސީދާ ކަސްޓަމަރުންނަށް ފޮނުވަނީ ކުދި ޕާރުސަލްތަކުގެ ގޮތުގައެވެ.

ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރަނީ، ކުދި ޕާރުސަލްތަކުން ނަގާ ކުޑަ ޑިއުޓީގެ ނާޖާއިޒު ފައިދާ ޓޭމޫއިން ނަގަމުންދާތީއެވެ. މީގެ ސަބަބުން އެ ގައުމުތަކުގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަހަމަ މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ގެއްލި، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މި ޝަކުވާތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ 150 ޔޫރޯއަށް ވުރެ އަގު ދަށް ޕާރުސަލްތަކަށް ކުރިން ދެމުން އައި ޑިއުޓީ އިސްތިސްނާ ނިމުމަކަށް ގެނެސްފައެވެ. އަދި ތުރުކީން ވެސް ވަނީ 30 ޔޫރޯއާ ހަމައަށް ޑިއުޓީ ނުނަގާ ގޮތަށް އޮތް އޮތުން އަންނަ މަހުން ފެށިގެން ނިމުމަކަށް ގެނައުމަށް ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *