މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވިކޮށް، މުދާ ހޭންޑްލްކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި އެތަނުގައި ބޭނުންކުރާ އާރުޓީޖީ  ކެރޭންތަކަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި، މިއީ ގާތްގަނޑަކަށް 19 އަހަރުގެ މެދުކެނޑުމަކަށްފަހު މި ކެރޭންތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރެވެ. މިހާރު ބޭނުންކުރަމުންދާ އާރުޓީޖީ ކެރޭންތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އުޅަނދުތަކަކަށް ވުމާއެކު، އޭގެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުބާރު ހިފޭ ގޮތަށް ޚިދުމަތް ދިނުމަށް މި އަޕްގްރޭޑަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކެރޭންތަކުގެ ކޮންޓްރޯލް އަދި ޑްރައިވް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމުމަށްފަހު، ދެވަނަ ފިޔަވަހީގެ ދަށުން ކެރޭންތަކުގެ ޕަވަރ އަދި އިންޖީނު ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މުދާ ކްލިއާ ކުރުން ލަސްވުމަކީ ވިޔަފާރިވެރިންގެ ބޮޑު ޝަކުވާއަކަށް ވެފައިވާއިރު، މި ގެނެވޭ ބަދަލާއެކު ބަނދަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވިވެ، މުދާ ހޭންޑްލް ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން އުންމީދު ކުރެއެވެ.

މީގެ އިތުރުން، އެމްޕީއެލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް ޕޯޓް ލިމިޓް ސަރަހައްދަށް 24 ގަޑިއިރު ވަދެވޭގޮތަށް މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފައެވެ. މިއީ ބަނދަރުގެ ޚިދުމަތްތައް ޒަމާނީކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *