މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މި އަހަރަށް ޚާއްސަކޮށްގެން ނެރުނު ކަލަންޑަރު، ދިވެހި ރަހަތަކާއި ކެއުންތަކުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ ތަފާތު އުފެއްދުމަކަށް ވެއްޖެއެވެ.

މި އަހަރުގެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ކޮންމެ މަހަކަށް ދިވެހިރާއްޖޭގެ ވަކި ރަށަކަށް ނުވަތަ އަތޮޅަކަށް ޚާއްސަ ކެއުމެއް ހިމަނައިގެންނެވެ. މިގޮތުން ކަލަންޑަރުގައި ހިމެނޭ ބައެއް ރަހަތަކުގެ ތެރޭގައި އުތީމު ކަނަމަދު ރޮށި، ދުވާފަރު މަޖާ، އައްޑޫ ބެނޑި، ވެލިދޫ މުރަނގަ ބަތް، ލަންދޫ ކުއްޅަވަށް، ލާމު ގޮޅަ ރިހަ، އޭދަފުށީ ބަތްޕެން، ދިއްދޫ ހިއްޗާއި ބަތް، ދިއްގަރު ރިހާކުރު، ފުވައްމުލަކު ކައްޓެޅި، ކުޅުދުއްފުށީ ހާލުފޮޅި އަދި ހިންނަވަރު އަތުޖެހި ހިމެނެއެވެ.

މި ކަލަންޑަރުގެ އެންމެ ޚާއްސަ އެއް ކަމަކީ، ކޮންމެ މަހެއްގެ ގަނޑުގައި ހިމަނާފައިވާ ކިއުއާރު  ކޯޑެވެ. މި ކޯޑު ސްކޭން ކޮށްލުމުން އެ މަހަކަށް ޚާއްސަ ކުރެވިފައިވާ ކެއުމާ ގުޅޭ ވީޑިއޯއެއް އެމްއައިބީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފެންނާނެއެވެ. މި ވީޑިއޯތަކުގައި އެ ކެއުމެއްގެ ޚާއްސަކަމާއި، އެ ތައްޔާރުކުރާނެ ގޮތުގެ ތަފްސީލުތައް ކިޔައިދެނީ ސީދާ އެ ރަށްރަށުގެ ރައްޔިތުންނެވެ. މިއީ އެ ކެއުންތަކުގެ އަސްލު ރަހައާއި ތާރީޚު އޮޅުންފިލުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްއައިބީން ބުނިގޮތުގައި މިފަދަ ކަލަންޑަރެއް ނެރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ރަހަތަކާއި ސަގާފަތުގެ މުއްސަނދިކަން ފާހަގަކޮށް، ރާއްޖޭގެ ތާރީޚާއި އާދަކާދަތަކަށް އައު ދިރުމެއް ގެނެސްދިނުމެވެ. އަދި މި ކަލަންޑަރުގެ ސަބަބުން ދިވެހިންގެ ކެއިންބުއިމުގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ބޭންކުން އުންމީދު ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *