އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް "ބްލޫ ލެގޫން" ގެ ބިންގާ އިއްޔެ އަޅައިފިއެވެ.
މެރީނާ ފެންނަ ގޮތަށް، ފޭސް 2 ގެ ބްރިޖާ ކައިރީގައި ހަދާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި، އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު އިސްމާއިލް ނާޖިތު އަހުމަދުގެ އިތުރުން ވީސީއައިއެލް ގްރޫޕުގެ ޕްރޮޖެކްޓް މެނޭޖަރު ސަމިޓް ކައުޝިކް އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން އެތަނުގެ "ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮގުރާމް" ވެސް ވަނީ ލޯންޗުކޮށްފައެވެ. މި ޕްރޮގުރާމާ ގުޅޭގޮތުން އެ ކުންފުނީގެ ހެޑް އޮފް ސޭލްސް އަބީޖީތް ޖައްކާ ވިދާޅުވީ، މިއީ އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް އެހެން ބޭފުޅުންގެ ރިފަރަލް ދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. މީގެ މައިގަނޑު މަގްސަދަކީ އެތަނުގައި ދިރިއުޅޭނެ ކޮމިއުނިޓީ ބިނާކުރުމުގައި ރެޒިޑެންޓުން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބީޖީތް އިތުރަށް ވިދާޅުވި ގޮތުގައި، ބްލޫ ލެގޫން ފަރުމާކޮށްފައިވަނީ ހަގީގީ ލަގްޒަރީ ދިރިއުޅުމެއް ތަޖުރިބާކުރެވޭނެ ފަދަ ގޮތަކަށެވެ. ވަކިން ހާއްސަކޮށް ދިރިއުޅޭ މީހުންގެ ޕްރައިވެސީ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 18 ފްލޯގެ ދެ ޓަވަރު ބިނާކުރާއިރު، މުޅި ކޮމްޕްލެކްސްގައި 35,000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮންނާނެއެވެ. މީގެ ތެރޭގައި 15,000 އަކަފޫޓުގެ ކްލަބް ހައުސްއަކާއި، ޖިމް، ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރު، މަލްޓިޕާޕަސް ހޯލް، ކުޑަކުދިން ކުޅޭ ސަރަހައްދު، 15 ސީޓުގެ ތިއޭޓަރު އަދި ޑޭ ކެއާ ފަދަ ވަސީލަތްތައް ހިމެނެއެވެ.
މީގެ އިތުރުން، 24,000 އަކަފޫޓުގެ ރޫފްޓޮޕް ގާޑަންގައި ޖޮގިން ޓްރެކާއި ބީބީކިއު ޒޯންތަކުގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ރޫފްޓޮޕް ސްވިމިން ޕޫލް ވެސް ގާއިމުކުރާނެއެވެ. މި އިމާރާތުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކާއި 24 ގަޑިއިރުގެ ސަވައިލެންސް ސިސްޓަމްވެސް ހުންނާނެއެވެ.
މިހާރު ވަނީ މި ކޮމްޕްލެކްސްގެ ޕާލް ޓަވަރުގެ 10 ފްލޯއެއްގެ ބުކިންއަށާއި، ރެޒިޑެންސްގެ 13، 14 އަދި 15 ވަނަ ބުރީގެ ޔުނިޓުތަކަށް ބުކިން ހުޅުވާލާފައެވެ. އެކި ސައިޒުގެ 2 ކޮޓަރީގެ އެޕާޓްމަންޓާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް މި މަޝްރޫއުގެ ދަށުން ލިބެން ހުންނާނެއެވެ.
ވީސީއެލް ގްރޫޕަކީ އިންޑިއާ އާއި މޮރިޝަސްގައި 175 އަށް ވުރެ ގިނަ މަޝްރޫއު ހިންގާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. ރާއްޖޭގައި އެފްޑީސީގެ 'އަމަން ދޯދި' ޓަވަރުގެ 1,400 ހައުސިން ޔުނިޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައިވާ މި ކުންފުންޏަކީ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.

