މަޝްހޫރު ނެސްލޭ ކޮންފެކްޝަނަރީގެ ކިޓްކެޓް ބްރޭންޑުން "ކުކީ ޑޯ" ރަހައިގެ އާ ޗޮކްލެޓެއް އަންނަ ފެބްރުއަރީ މަހު ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އެ ކުންފުނީގެ އުފެއްދުންތައް ހޯލްސޭލްކުރާ ފަރާތްތަކުން ފިހާރަތަކަށް ފޮނުވި މެސެޖުތަކަކުންނެވެ.
ފެބްރުއަރީ މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި އާ ކިޓްކެޓަކީ، އާދައިގެ ކިޓްކެޓްތަކެކޭ އެއްފަދައިން 41.5 ގްރާމްގެ ހަތަރު ފިންގަރ ހިމެނޭ ބާރް އެކެވެ. މި އުފެއްދުން ބާޒާރުގައި ލިބެން ހުންނާނީ 24 ޗޮކްލެޓް ހިމެނޭ ކާޓަންތަކުގައެވެ. ވިޔަފާރިވެރިންނަށް ލަފާދީފައިވާ ގޮތުގައި މީގެ ޗޮކްލެޓެއްގެ އަގަކީ 89 ޕެންސް އެވެ. އަދި މި އުފެއްދުމުން ރީޓެއިލް ވިޔަފާރިވެރިންނަށް ގާތްގަނޑަކަށް %20.4 ގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މިދިޔައަހަރު ކުރީކޮޅު ކިޓްކެޓުން ވަނީ ފޯމިއުލާ 1 ގެ ރަސްމީ ޗޮކްލެޓް ބާރްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ރޭސިންގް ކާރުގެ ބައްޓަމަށް ހުންނަ ޗޮކްލެޓެއް ވެސް ބާޒާރަށް ނެރެފައެވެ. މީގެ އިތުރުން، ނެސްލޭ ކުންފުނިން އަންނަ ފެބްރުއަރީ މަހު "މިލްކީބާ ކްރަންޗީ ޕޮޕްސް ވައިޓް ޗޮކްލެޓް" ނެރުމަށް ހަމަޖެހިފައިވާއިރު، "މަންޗީސް ފަޖީ ސޯލްޓަޑް ކެރަމަލް" ރަހަ ވެސް އަލުން ބާޒާރަށް ވަނީ ގެނެސްފައެވެ.
2025 ވަނަ އަހަރުގެ "ވަޓް ޓު ސްޓޮކް" އެޑިޝަނުން ދައްކާގޮތުގައި، ކިޓްކެޓްގެ އާދައިގެ 41.5 ގްރާމްގެ ޗޮކްލެޓަކީ މިހާރުވެސް މިނިވަން ރީޓެއިލް ފިހާރަތަކުގައި 16 ވަނައަށް އެންމެ ގިނައިން ވިކޭ ޗޮކްލެޓެވެ.

