ދުނިޔޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދި "ޕްރައިމް ހައިޑްރޭޝަން" ބުއިން ސަޕްލައިކުރާ ކޮންގޯ ބްރޭންޑްސްއަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން މަޢުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ "ބެޓަރ ރީޓެއިލިންގ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން ޔޫކޭގައި ހުންނަ ކޮންގޯ ބްރޭންޑްސްގެ އޮޕަރޭޝަން ޓީމުތަކުގެ ގިނަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިކުރާނެކަން އަންގާފައެވެ. މިގޮތުން ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން ވަޒީފާ ގެއްލޭކަން އެ ކުންފުނީގެ ބައެއް މުވައްޒަފުންވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މަޝްހޫރު އިންފްލުއެންސަރުން ކަމަށްވާ ކޭއެސްއައި އާއި ލޯގަން ޕޯލް އިސްވެ ތިބެ 2022 ވަނަ އަހަރު ބާޒާރަށް ނެރުނު މި ބުއިމަށް ކުރިން އޮތް ބޮޑު ތަރުހީބު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 70 އިންސައްތައަށް ވުރެ ބޮޑަށް ވެއްޓިފައެވެ. މީގެ އިތުރުން، ކުރިން މި ބުއިން ގިނަ އަދަދަކަށް ގަނެގެން ވިއްކި ހޯލްސޭލް ވިޔަފާރިވެރިންވެސް މިހާރު ޕްރައިމްގެ އުފެއްދުންތައް ސްޓޮކް ކުރާ މިންވަރު ވަނީ މަދުކޮށްފައެވެ.
ކުންފުނީގެ ޔޫކޭ ރީޓެއިލް ޗެނަލް މެނޭޖަރު ސެލީ ރައިޓް ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރަށް ކުންފުނިން ވަނީ ވަރަށް އުންމީދީ ރޭވުންތަކެއް ރާވާފައެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އައު ބަޔަރުންނާ ހަމައަށް މި ރޭވުންތައް ގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރައިމް ބްރޭންޑް އަލުން ކޮޅަށް ޖެހުމަށްޓަކައި، މި އަހަރުގެ ތެރޭގައި ޕްރޮޓީން ޝޭކްގެ އައު ރޭންޖެއް ބާޒާރަށް ނެރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު "ސެންޓްރަލް ސީ" ފްލޭވަރއަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ޖުމްލަގޮތެއްގައި ބްރޭންޑަށް އޮތް ޑިމާންޑް ދަށްވުމަކީ ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން ކޮންގޯ ބްރޭންޑްސްގެ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އަދި އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

