ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓް، އަންނަ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ގެނެވޭ ބަދަލެކެވެ. ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކުރައްވާނެ ކަމަށެވެ.
ބީއެމްއެލުން މިއަދު ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، ކާޑުގެ ބާވަތްތަކަށް ގެނެވޭ ބަދަލުތަކަކީ:
- ކްލެސިކް ކާޑު: މިހާރު ހުރި 750 ޑޮލަރުގެ ލިމިޓް، 1,400 ޑޮލަރަށް ބޮޑުވާނެއެވެ.
- ގޯލްޑް ކާޑު: މިހާރު ހުރި 750 ޑޮލަރުގެ ލިމިޓް، 1,500 ޑޮލަރަށް ބޮޑުވާނެއެވެ.
- ޕްލެޓިނަމް ކާޑު: މިހާރު ހުރި 1,500 ޑޮލަރުގެ ލިމިޓް، 3,000 ޑޮލަރަށް ބޮޑުވާނެއެވެ.
ބޭންކުން ބުނި ގޮތުގައި މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން، އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ޚާއްޞަކޮށް ހަމަޖައްސައިފައިވާ ލިމިޓެކެވެ.
މީގެ ކުރިން، ސަރުކާރުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓްވެސް ބޮޑުކޮށްފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު 11 އިން ފެށިގެން ޑެބިޓް ކާޑުގެ ލިމިޓް ވަނީ 1,000 ޑޮލަރާ ހަމައަށް އިތުރުކޮށްފައެވެ.
މި ބަދަލުތަކުގެ ސަބަބުން ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

