ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމެޒޯންގެ ކްލައުޑް ކޮމްޕިއުޓިން ގޮފި، އެމެޒޯން ވެބް ސާވިސަސް އިން މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަން، ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން އޮޅުމަކުން ބައެއް މުވައްޒަފުންނަށް އަންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހަފުތާގެ ކުރީކޮޅުގައެވެ. ބުދަ ދުވަހު މިކަން ރަސްމީކޮށް އިއުލާން ކުރަން އޮތް ނަމަވެސް، އޭޑަބްލިއުއެސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ފޯ އެޕްލައިޑް އޭއައި ސޮލިއުޝަންސް، ކޮލީން އޯބްރީ ސޮއިކުރައްވައި އަންގާރަ ދުވަހު ފޮނުވި އެތެރޭގެ އީމެއިލެއްގައި ވަނީ އެމެރިކާ، ކެނެޑާ އަދި ކޮސްޓަރީކާގެ ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
މި އީމެއިލްގެ ސްކްރީންޝޮޓްތައް މުވައްޒަފުންގެ މެދުގައި ބޭނުންކުރާ "ސްލެކް" ގްރޫޕްތަކުގައި ދައުރުވެފައިވާއިރު، މިކަމާ ގުޅޭގޮތުން ބާއްވަން އުޅުނު ބައްދަލުވުމެއްގެ ނޯޓިސްވެސް ވަނީ ފޮނުވުމަށްފަހު އަވަސް އަވަހަށް ފޮހެލާފައެވެ. އޯބްރީ ފޮނުއްވި އީމެއިލްގައި ވިދާޅުވެފައިވަނީ މިފަދަ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ނަމަވެސް، މިއީ ކުންފުނީގެ ކުރިމަގުގެ ކާމިޔާބީއަށްޓަކައި ވިސްނުންތެރިކަމާއެކު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި ފިޔަވަޅަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެޒޯންއިން އިއުލާންކުރި 30,000 ވަޒީފާ މަދުކުރުމުގެ ޕްލޭންގެ ދަށުން އެޅި ފިޔަވަޅެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 14,000 އެއްހާ ވަޒީފާ ވަނީ މަދުކޮށްފައެވެ. މުވައްޒަފުން މަދުކުރާ ދާއިރާތަކުގެ ތެރޭގައި އޭޑަބްލިއުއެސްގެ އިތުރުން ރީޓެއިލް، ޕްރައިމް ވީޑިއޯ އަދި އެޗްއާރް ޑިޕާޓްމަންޓް ހިމެނެއެވެ.
އެމެޒޯން އިން ވަޒީފާތައް މަދުކުރަން ނިންމި މައިގަނޑު ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތުގެ ދުވެލި ހަލުވިކުރުމާއި، ކުންފުނީގެ ހިންގުމުގައި ހުރި ބިއުރޯކްރެސީ ނުވަތަ އިދާރީ އުނދަގޫތައް ކުޑަކުރުމެވެ. މުޅި ދުނިޔޭގައި އެމެޒޯންގެ 1.5 މިލިއަނަށްވުރެ ގިނަ މުވައްޒަފުން ތިބި ނަމަވެސް، ކޯޕަރޭޓް ދާއިރާގެ ވަޒީފާތަކަށް މި ބަދަލުގެ އަސަރު ބޮޑަށް ކުރާނެއެވެ.
މި އީމެއިލް ލީކުވުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، ކުންފުނީގެ އެޗްއާރް ހެޑް ބެތު ގަލެއްޓީ ލިޔުއްވާފައިވާ ބްލޮގް ޕޯސްޓެއްވެސް އަދި ރަސްމީކޮށް ޝާއިޢުކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އެމެޒޯންއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މާހިރުން ދެކޭ ގޮތުގައި މި ހާދިސާއިން ހާމަވަނީ ބޮޑެތި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ ކަންކަން ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. އެމެޒޯންގެ އަމާޒަކީ އާ އީޖާދުތަކާއެކު ކުންފުނީގެ ހިންގުން ހަރުދަނާ ކުރުން ކަމަށްވިޔަސް، މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

