ދިވެހިރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅާލުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައި އެކަން އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ އަތޮޅާއި، ފުައްވުމުލަކާއި، ގއ. އަތޮޅު އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މިކަމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވައި މޯލްޑިވިއަންގެ އޮޕަރޭޝަން ބޭސްއެއްގެ ގޮތުގައި ކަނޑައެޅުނު ފުރަތަމަ އެއަރޕޯޓު ކަމަށެވެ. އަދި ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާރޝަލް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނަކީ މޯލްޑިވިއަންކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ސަރަޙައްދަކީ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ ތަނަކަށް ވުމާއެކު، މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އަދި ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ބަދަހިވެ، ދަތުރުފަތުރުގެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ،" އިޔާސް ވިދާޅުވިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ. މޯލްޑިވިއަނުން ވަނީ މިހާރު ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ދަތުރުތައް ބަހާލެވިފައިވާ ރޫޓުތަކާއި އަގުތަކަކީ:

  • ގަން – ފުވައްމުލައް: 500ރ.
  • ފުވައްމުލައް – ކޫއްޑޫ: 650ރ.
  • ފުވައްމުލައް – ކާޑެއްދޫ: 650ރ.
  • ގަން – ކާޑެއްދޫ: 900ރ.
  • ގަން – ކޫއްޑޫ: 900ރ.

މި މަސައްކަތަކީ ސަރަޙައްދީ ދަތުރުފަތުރު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ބޭސްފަރުވާއަށާއި، ތަޢުލީމީ ބޭނުންތަކަށް އަތޮޅުތަކުގެ މެދުގައި ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ވެގެންދާނެއެވެ.

ދެކުނުގައި މި ފެށޭ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތަކަކީ ކުދި އެއަރސްޓްރިޕްތަކުގައި ރޭގަނޑުވެސް ރައްކާތެރިކަމާއެކު ޖެއްސޭނެ ބޯޓުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން މި ސަރަޙައްދުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *