ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އެންޒީގެ އައު ފިހާރައެއް ރޭ ހުޅުވައިފިއެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެންޒީން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ފިހާރައެވެ.

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-5 ގެ ތިރީ ފަންގިފިލާގައި ހުޅުވި މި އައު އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރިން މިނިސްޓަރުކަން ކުރައްވާފައިވާ އަޙްމަދު ޒުހޫރެވެ. ރޭ ބޭއްވި މި ހަފުލާގައި އެކި ފަންތީގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޒީ ފިހާރަ ހިންގާ އެންސިސް ފިޝަރީޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ވަސީމް އިސްމާޢީލް ވިދާޅުވީ، މި ފިހާރައިން އެންޒީގެ މަޝްހޫރު އުފެއްދުންތަކުގެ އިތުރުން، އާންމުކޮށް ކާންބޯން ބޭނުންކުރާ ހުރިހާ ބާވަތެއްގެ ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ.

ޝަރަފުވެރި މެހުމާން އަޙްމަދު ޒުހޫރު ދެއްކެވި ވާހަކަފުޅުގައި، އެންޒީގެ އިސްވެރިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި މިފަދަ ފިހާރައެއް ހުޅުވިގެން ދިޔުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފިހާރަ ޚާއްޞަކުރެވިފައިވަނީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް އެންޒީގެ އުފެއްދުންތަކާއި ތާޒާ މަސް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އެންޒީގެ މި އައު ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:30 އިން ރޭގަނޑު 22:30 އަށެވެ. އަދި ހުކުރު ދުވަސްދުވަހު ހެނދުނު 06:30 އިން ފެށިގެން ހަވީރު 17:00 އަށް މި ފިހާރައިން ޚިދުމަތް ލިބޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *