މެދުއިރުމަތީގެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލް ކަމަށްވާ "ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލް (އެސް.އީ.އެފް) 2026″ ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރުޖާގައި، ޖެނުއަރީ 31 އިން ފެބްރުއަރީ 1 ގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރާ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އީޖާދީ މަސައްކަތްތައް ސަރަހައްދީ ފެންވަރުގައި ދައްކާލުމާއި، ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްތިރާތީޖީ ގުޅުންތައް ގާއިމުކުރުމެވެ.
މި ފެސްޓިވަލްގައި ބީސީސީ މެދުވެރިކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ތިން ވިޔަފާރިއަކުން ބައިވެރިވެއެވެ. އެއީ ޕައި ނެޓްވޯކްސް، ޖަވާބު އަދި އީޒެޕް އެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަހިކޮށްދިން ފުރުސަތެކެވެ.
މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ އެގްޒިބިޝަންތަކާއި ނެޓްވޯކިންގް ސެޝަންތަކުގެ އެހީގައި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެއެވެ. މިއީ މެދުއިރުމައްޗާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސްޓާޓްއަޕްތަކާއި، އީޖާދީ މަސައްކަތްތެރިންގެ އިތުރުން އިންވެސްޓަރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މުހިންމު ހަރަކާތެކެވެ.
ބީސީސީ އިން ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމަކީ ދިވެހި ވިޔަފާރިތައް ބައިނަލްއަގުވާމީ އީޖާދީ ވިއުގަތަކާ ގުޅުވައިދީ، ޕްރައިވެޓް ސެކްޓަރުގެ ވާދަވެރިކަން އިތުރުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ. އެތައް ހާސް ބައިވެރިންނާއި އެތައް ސަތޭކަ ސްޓާޓްއަޕްތަކެއް ބައިވެރިވާ މި ފެސްޓިވަލަކީ ދިވެހި ކުންފުނިތަކަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ދިއުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

