ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ދެވަނަ ސީޒަން ރޭ ވަނީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ދިރާގު ހެޑްއޮފީހުގައި އިފުތިތާހުކޮށްފައެވެ.
މި ސީޒަން ލޯންޗް ކުރުމަށް ބޭއްވި އިވެންޓްގައި، މި އަހަރުގެ ތެރޭގައި ބޭއްވުމަށް ރޭވިފައިވާ މުބާރާތްތަކާއި، ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވި މި ހަފުލާގައި ތަފާތު ގޭމިން ހަރަކާތްތައް ކުރިއަށްދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން ހާޒިރީންނަށް ވަނީ މުނިފޫހިފިލުވައިދީފައެވެ.
ދިރާގުން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން 11,000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވާއިރު، ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ވަނީ ބާއްވާފައެވެ. މި މުބާރާތްތަކުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދީފައިވާއިރު، ގިވްއަވޭގެ ގޮތުގައި 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ވަނީ ބަހާފައެވެ. މީގެ އިތުރުން، މިދިޔަ އޮގަސްޓް މަހު ބޭއްވި "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" އަކީ ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތް ކަމުގައި އެ ކުންފުނިން ފާހަގަކުރިއެވެ.
މި ރަސްމިއްޔާތުގައި ދިރާގުން ވަނީ ޑީޖީޖީގެ އައު އަމާޒުތަކެއް ވެސް އިއުލާނުކޮށްފައެވެ. އެގޮތުން 2026 ވަނަ އަހަރާ ހަމައަށް ގޭމިން ކޮމިއުނިޓީ އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ހިމެނެއެވެ. އަދި ރޭގެ ހަފުލާގައި "ލީޑަބޯޑްސް" ތައާރަފުކޮށް، ކުރިއަށް އޮތް ތަނުގައި "ގިލްޑް ފީޗާސް" ތައާރަފުކުރާނެކަން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވަން މަސައްކަތްކުރާ ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން، ޕްރީމިއަމް ސްޕޮންސަރު "މިނީސޯ" އާއި، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
ދިރާގުން ބުނީ ޑީޖީޖީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުން ކަމަށެވެ. މި ޕްލެޓްފޯމާ ގުޅޭ އިތުރު މައުލޫމާތު ޑީޖީޖީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

