އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ކްރިޕްޓޯ ކަރަންސީ ކުންފުނި "ވޯލްޑް ލިބަޓީ ފައިނޭންޝަލް" ގެ 500 މިލިއަން ޑޮލަރުގެ ހިއްސާ، އަބޫދާބީގެ ޝާހީ އާއިލާގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާން ބައްލަވައިގެންފިއެވެ.
ޔޫއޭއީގެ ރައީސްގެ ކޮއްކޯފުޅު އަދި އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވާ ޝައިޚް ތަހުނޫން، މި ކުންފުނީގެ 49 އިންސައްތަ ހިއްސާ ބައްލަވައިގަތީ ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިން ހެދި ސިއްރު އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުއާމަލާތުގެ ދަށުން ފުރަތަމަ ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ތެރެއިން 187 މިލިއަން ޑޮލަރު ވަނީ ސީދާ ޓްރަމްޕްގެ އާއިލީ އެކައުންޓުތަކަށް ޖަމާކޮށްފައެވެ. އަދި ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އާއިލާއަށް 31 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ.
މި ވިޔަފާރީގެ މުއާމަލާތާ ގުޅިގެން މަސްލަހަތު ފުށުއެރުމުގެ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔޫއޭއީއަށް ވިއްކުން މަނާކޮށްފައި އޮތް އެމެރިކާގެ އެންމެ ޒަމާނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗިޕްތައް، ޓްރަމްޕްގެ ސަރުކާރުން ޔޫއޭއީއަށް ދޫކުރުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ. އާ އުސޫލުގެ ދަށުން އަހަރަކު 500,000 ޗިޕް ޔޫއޭއީއަށް ލިބޭއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކުރަނީ ސީދާ ޝައިޚް ތަހުނޫންގެ އަމިއްލަ އޭއައި ކުންފުނި ކަމަށްވާ "ޖީ42″ އަށެވެ.
މީގެ އިތުރުން، ވޯލްޑް ލިބަޓީއަށް އިންވެސްޓްކުރި ޗައިނާގެ ވިޔަފާރިވެރިޔާ ޖަސްޓިން ސަންއާ ދެކޮޅަށް ހިންގަމުންދިޔަ ތަހުގީގެއް ހުއްޓާލުމާއި، ބައިނޭންސްގެ ފައުންޑަރަށް ޓްރަމްޕް މާފު ދެއްވުން ފަދަ ކަންކަމަކީވެސް މި ވިޔަފާރީގެ މުއާމަލާތާ ގުޅުންހުރި ކަންކަން ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ވޯލްޑް ލިބަޓީ ފައިނޭންޝަލްގެ ތަރުޖަމާނު ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޝައިޚް ތަހުނޫންގެ އިންވެސްޓްމަންޓާއި ސަރުކާރުގެ ނިންމުންތަކާ އެއްވެސް ގުޅުމެއް ނެތެވެ.
"ވޯލްޑް ލިބަޓީ ފައިނޭންޝަލް" އަކީ ޓްރަމްޕްގެ ދެ ދަރިކަލުން ކަމަށްވާ އެރިކް އަދި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އިސްވެ ތިއްބަވައިގެން މިދިޔަ އަހަރު އުފެއްދި ކުންފުންޏެކެވެ. ޝައިޚް ތަހުނޫންއަކީ އަބޫދާބީގެ 1.3 ޓްރިލިއަން ޑޮލަރުގެ ސޮވެރިން ވެލްތު ފަންޑު ބަލަހައްޓަވާ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އިންވެސްޓަރެވެ.
އެމެރިކާއިން މީގެ ކުރިން ޔޫއޭއީއަށް އޭއައި ޗިޕްތައް ދޫނުކުރީ ޝައިޚް ތަހުނޫންގެ ކުންފުންޏާއި ޗައިނާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ޗައިނާއަށް ލިބިދާނެ ކަމުގެ ބިރަށެވެ. އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވައިގެން ބޭރު ގައުމެއްގެ ވެރިއަކާއެކު މިފަދަ ބޮޑު މުއާމަލާތެއް ހިންގެވުމަކީ ތާރީޚީ ގޮތުން ބެލިޔަސް މަސްލަހަތު ފުށުއެރުމުގެ ސީރިއަސް މައްސަލައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

