ސިންގަޕޫރުގެ މަޝްހޫރު ފްރެންޗައިސް ސްކޫލެއް ކަމަށްވާ "މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް" ގެ ގޮފީގެ ކިޔަވައިދިނުން މާލޭގައި ފަށައިފިއެވެ. ރަށްދެބައިމަގުގައި ހުންނަ މއ. އަތަމާ ވިލާގައި ހުޅުވި މި ސްކޫލަކީ ސީދާ ޕްރީ ސްކޫލް ތައުލީމަށް ހާއްސަކޮށް، ޒަމާނީ ވަސީލަތްތަކާއެކު ބިނާކޮށްފައިވާ ތަނެކެވެ.
700 ދަރިވަރުންގެ ޖާގަ ހިމެނޭ މި ސްކޫލުގެ ޕްރިންސިޕަލް ޑރ. އަމަތުﷲ ޝަކީބް (އަމަތު އާންޓީ) ވިދާޅުވީ، ކިޔަވައިދޭން ފެށި ފުރަތަމަ ދުވަހުވެސް 60 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ސްކޫލަށް ވަނުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަތަރު ބުރީގެ މި އިމާރާތުގެ ގްރައުންޑް ފްލޯގައި ހޯލަކާއި ޕްލޭގްރައުންޑެއް ހުންނައިރު، ފުރަތަމަ ބުރިން ފެށިގެން ތިންވަނަ ބުރިއަށް 17 ކްލާސްރޫމާއި އޯޕަން ޕްލޭގްރައުންޑެއް ހުރެއެވެ. ހަތަރުވަނަ ފްލޯ ހާއްސަކޮށްފައިވަނީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ "ނިއުރޯ މޫވްސް" ޖިމަށެވެ. މިއީ ކުދިންގެ މޯޓޯ ސްކިލްސް އާއި ކޯޑިނޭޝަން ތަރައްގީކުރުމަށް މުހިއްމު ތަނެކެވެ.
ގްރޭޑްތަކާއި ފީތައް:
- ޕްލޭ ގްރޫޕް (18-30 މަސް): 4,850ރ.
- ނާސަރީ (އެން1 އަދި އެން2): 3,850ރ.
- ކިންޑާ (ކޭ1 އަދި ކޭ2): 4,850ރ.
ކިޔަވައިދިނުމުގެ ވަގުތުތަކަށް ބަލާއިރު، ޕްލޭ ގްރޫޕާއި ނާސަރީ ކުދިންނަށް ދުވާލަކު 3 ގަޑިއިރު، އަދި ކިންޑާ ދަރިވަރުންނަށް 4 ގަޑިއިރު ކިޔަވައިދޭނެއެވެ.
ޑރ. އަމަތު ވިދާޅުވީ، މި ސްކޫލުގެ ކަރިކިއުލަމް ބައްޓަންކޮށްފައިވަނީ ރާއްޖޭގެ މުޖުތަމައުއާ ގުޅޭގޮތަށް، ދިވެހި، އިސްލާމް އަދި ގުރުއާން މާއްދާއަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށެވެ. އަދި އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދީ، ސްކޫލުން ނިކުންނަ ކުދިންނަށް އަސާސީ އަރަބި ބަހުން ވާހަކަދައްކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު 17 ޓީޗަރުން މަސައްކަތް ކުރައްވާއިރު، އަރަބި ޓީޗަރު ފިޔަވައި ހުރިހާ ޓީޗަރުންނަކީ ސިންގަޕޫރާއި މާލޭން ތަމްރީނު ހޯދާފައިވާ ދިވެހިންނެވެ. ޕްރިންސިޕަލް ޑރ. އަމަތަކީ ތައުލީމީ ދާއިރާގައި 24 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އޮސްޓްރޭލިއާގެ ޑީކަން ޔުނިވާސިޓީން އިންކްލޫސިވިޓީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މި ސްކޫލުގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ.

