ދުނިޔޭގެ ރަން ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ދުބާއީގެ މަގާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދުނިޔޭގައި އަލަށް ހަދާ "ގޯލްޑް ސްޓްރީޓް" ހިމެނޭހެން "ދުބާއީ ގޯލްޑް ޑިސްޓްރިކްޓް" އިފްތިތާހުކޮށްފިއެވެ.

ޖެނުއަރީ 27 ވަނަ ދުވަހު ދުބާއީ މީޑިއާ އޮފީހުން އިފްތިތާހުކުރި މި މަޝްރޫއަކީ، ދުބާއީގެ ރަން ބާޒާރު އާ އުސްމިންތަކަކަށް ގެންގޮސް، ފަތުރުވެރިންނާއި ޒިޔާރަތްކުރާ މީހުން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ހާއްސަ "ލޭންޑްމާކް" އެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ "ރަން މަގު" ވެގެންދާނީ ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ހަދާ ފުރަތަމަ މަގަށެވެ.

ދުބާއީގެ ދީރާގައި، މިހާރުވެސް ހުރި ދުވަސްވީ ރަން ބާޒާރާ ކައިރީގައި ގާއިމުކުރާ މި އައު މަރުކަޒުގައި 1،000 އަށްވުރެ ގިނަ ރަން ވިއްކާ ފިހާރަ ހުންނާނެއެވެ. 2،220 އަކަ މީޓަރަށްވުރެ ބޮޑު މި ސަރަހައްދަކީ މެދުއިރުމަތީގައި ހަދާ މިފަދަ އެންމެ ބޮޑު މަރުކަޒެވެ. މިތަނުގައި ރީޓެއިލް ފިހާރަތަކުގެ އިތުރުން ހޯލްސޭލް މާކެޓަކާއި ރަން ޓްރޭޑްކުރާ މަރުކަޒެއްވެސް ހިމެނޭނެއެވެ.

ދުބާއީ ފެސްޓިވަލްސް އެންޑް ރީޓެއިލް އެސްޓަބްލިޝްމަންޓްގެ ސީއީއޯ އަހުމަދު އަލް ޚާޖާ ވިދާޅުވި ގޮތުގައި، ރަނަކީ ދުބާއީގެ ސަގާފަތާއި ތަރިކައާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އަދި މި އާ މަޝްރޫއާއެކު ދުބާއީގެ ރަން ވިޔަފާރީގެ ތާރީހު އާ އީޖާދުތަކާއެކު އަލުން ދިރުވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫއޭއީ އަކީ މިހާރުވެސް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ރަން ވިޔަފާރިކުރާ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024-2025 ވަނަ އަހަރު އެގައުމުގެ ރަން އެކްސްޕޯޓް 53.41 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ދުބާއީގެ ރަން ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިންގެ ތެރޭގައި އިންޑިއާ، ހޮންކޮންގް، އިނގިރޭސިވިލާތް، ސްވިޒަލޭންޑް އަދި ތުރުކީ ހިމެނެއެވެ.

ދުބާއީ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރު އެކަނިވެސް 147 އަށްވުރެ ގިނަ ގައުމުތަކުގެ މީހުން ދުބާއީގެ ރަން ބާޒާރުތަކުން ވިޔަފާރިކޮށްފައިވެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކުން ބައްދަލުވާ ހަގީގީ ބައިނަލްއަގުވާމީ މާކެޓެއްގެ ގޮތުގައި ދުބާއީ އޮތްކަން ހެކި ކޮށްދޭ ކަމެކެވެ.

މި "ގޯލްޑް ސްޓްރީޓް" މަޝްރޫއަކީ ފަތުރުވެރިކަމާއި، އިންވެސްޓްމަންޓް އަދި ވިޔަފާރި އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެޅުނު ވަރަށް ފުރިހަމަ ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. މި މަރުކަޒު ހުޅުވާނެ ވަކި ތާރީހެއް އަދި އިޢުލާންކޮށްފައި ނުވިނަމަވެސް، މަޝްރޫއުގެ އިތުރު ތަފްސީލުތައް އެކި މަރުހަލާތަކަށް ބަހާލައިގެން އާންމުކުރަމުންދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *