އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫ އާއެކު ޚާއްސަ ޕާޓްނަޝިޕެއް ގާއިމުކޮށް، އެ ކުންފުނީގެ 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ދިނުމަށް ނިންމައިފިއެވެ.
މިއަދު އުރީދޫއިން ހާމަކުރި ގޮތުގައި، މި ޕާޓްނަޝިޕަކީ ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހަށް ތައްޔާރުވުމަށް ދިވެހިން ކުރާ ވިޔަފާރިތަކަށް އިތުރު ފުރިހަމަކަމާއި ލުއިފަސޭހަކަމެއް ގެނެސްދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. މި އެއްބަސްވުމުގެ ދަށުން، އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑްލްއެއް ލިބިގެންދާނެއެވެ. މި ޑިސްކައުންޓް ކޫޕަންތައް ސީދާ އުރީދޫ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ އިންތިޒާމުވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
މި އޮފާއާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ގިނަ ދިވެހިން މިހާރު އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޓެމޫއާ އެކު މި ޕާޓްނާޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް،
ނިޔާޒު
އުރީދޫއިން ބުނި ގޮތުގައި މި ޚާއްސަ އޮފާގެ ސަބަބުން، ރޯދަމަހަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެތީގެ އިތުރުން ޕާސަނަލް އައިޓަމްތައް ވެސް އަތްފޯރާ ފަށުގައި ގަނެވޭނެ މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ޓެމޫއާ ގުޅިގެން ފެށި މި މަސައްކަތަކީ އުރީދޫގެ 'ޑިޖިޓަލް މޯލްޑިވްސް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ބާރުއެޅުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.

