ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން، އެތެރޭގެ އުދުހުންތައް ފުޅާކުރުމަށާއި ފްލީޓް ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން، މުޅިން އާ ދެ އޭ.ޓީ.އާރު 42-600 މަރުކާގެ ބޯޓު ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އައި.އޭ.އެސް.އެލް އިން ނެރުނު އިޢުލާނުގައިވާ ގޮތުން، މި ދެ ބޯޓު ހޯދުމަށް ނިންމާފައިވަނީ މަދުވެގެން 15 އަހަރުގެ މުއްދަތަކަށް ފައިނޭންސް ލީސް އުސޫލުންނެވެ.
މި މަޝްރޫއުގެ ފައިނޭންސިން އަގަކީ ގާތްގަނޑަކަށް 16 މިލިއަން އެމެރިކާ ޑޮލަރެވެ. އައި.އޭ.އެސް.އެލް އިން ބުނި ގޮތުގައި، މި ދެ ބޯޓު ގަތުމަށް ބޭނުންވާ "ސޭލްސް އެންޑް ޕާޗޭސް އެގްރީމަންޓް" ތަކުގައި އޭ.ޓީ.އާރު ކުންފުންޏާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ. ތާވަލުކޮށްފައިވާ ގޮތުން ފުރަތަމަ ބޯޓު އޮގަސްޓް 2026 ގައި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ދެވަނަ ބޯޓު ލިބޭނެ ކަމަށް ބެލެވެނީ އޮކްޓޫބަރު 2027 ގައެވެ.
ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިން ފާހަގަކުރި ގޮތުގައި، ފްލީޓް ފުޅާކުރަން ނިންމީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑް އިތުރުވުމާއި، ސަރަހައްދީ އިތުރު އެއާޕޯޓްތައް ތަރައްގީވަމުންދާތީއެވެ. މި އާ ބޯޓުތަކާއެކު ރަށްތަކުގެ މެދުގައި ކުރާ ދަތުރުތަކުގެ ފެންވަރު ރަނގަޅުވެ، އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެގެންދާނެއެވެ.
ބީލަންތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ހަމައެކަނި މާލީ މިންގަނޑުތަކަށެވެ. އެގޮތުން "ނެޓް ޕްރެޒެންޓް ވެލިއު" މޮޑެލް ބޭނުންކޮށްގެން އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ބީލަން ކާމިޔާބުވާނެއެވެ. މީގެ އިތުރުން، ބޯޓުތަކުގެ އިންޖީނުތައް ޕްރެޓް އެންޑް ވިޓްނީ ކެނެޑާގެ "ގެރެންޓީޑް މެއިންޓެނަންސް ކޮސްޓް ޕްލޭން" ގައި ރަޖިސްޓްރީކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ ޕެކޭޖުތައް ހިމެނުމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ބޯޓުގެ ވެރިފަރާތްތަކަށާއި، ލީސިން ކުންފުނިތަކަށާއި، ބޭންކުތަކަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ބްރޯކަރުންގެ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން 12 ފެބްރުއަރީ 2026 ގެ 23:59 ގެ ކުރިން [email protected] އަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު 9 ފެބްރުއަރީއާ ހަމައަށް އޮތްއިރު، ބީލަންތައް އިވެލުއޭޓްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 26 ފެބްރުއަރީ 2026 ގައެވެ.

