ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، ވިއެޓްނާމުގެ މަޝްހޫރު ބަޖެޓް އެއާލައިން، ވިއެޓްޖެޓުން އެ ޤައުމުގެ ހޯ ޗީ މިން ސިޓީން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުން ފެށިގެންނެވެ.

ވިއެޓްޖެޓުން ހާމަކޮށްފައިވާ ގޮތުގައި، ހޯ ޗީ މިން ސިޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު މި ދަތުރުތައް ބާއްވާނީ އެއާބަސް A320 މަރުކާގެ ބޯޓުތަކުގައެވެ. އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް ފަށާއިރު، މިއީ އެ އެއާލައިނުން މިހާރުވެސް ހޯ ޗީ މިން ސިޓީން ސްރީލަންކާގެ ކޮލަމްބޯއަށް ކުރަމުންދާ ދަތުރުތައް މާލެއާ ހަމައަށް ދިގުދައްމާލައިގެން ކުރިއަށްގެންދާ ދަތުރުތަކެކެވެ.

މި އައު ރޫޓް އިފްތިތާޙުކުރުމާ ގުޅިގެން ވިއެޓްޖެޓުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއްވެސް އިޢުލާނުކޮށްފައެވެ. އެގޮތުން މި އޮކްޓޫބަރު މަހުގެ 8 އިން 10 އަށް ކުރިއަށްދާ "ގޯލްޑަން ޑޭސް" ސޭލްގެ ދަށުން، އެ އެއާލައިނުން ދަނީ ޓިކެޓް ފެއާ މުޅިން ހިލޭ ލިބޭ "ޒީރޯ ފެއާ" އިކޮނޮމީ ޓިކެޓްތަކެއް ދޫކުރަމުންނެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ 65 ވަނައިގައި އޮތީ ވިއެޓްނާމެވެ. ވިއެޓްނާމުން މިދިޔަ އަހަރު ރާއްޖެއަށް 2،813 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެ ޤައުމުން 2،001 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

މި ދާއިރާގެ މާހިރުން ލަފާކުރައްވާ ގޮތުގައި ވިއެޓްޖެޓުގެ މި ދަތުރުތަކާއެކު، ވިއެޓްނާމުގެ އިތުރުން މުޅި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ވަރަށް އަގުހުރި އަދި މުހިންމު ފުރުޞަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *