މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 14.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ދައުލަތަށް 11.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މުޅި އާމްދަނީގެ 77.8 އިންސައްތަ އެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 37.3 އިންސައްތަ މިހާރު ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ 28.0 އިންސައްތަ މިހާތަނަށް ވަނީ ހޭދަކުރެވިފަ އެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 13.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފަ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު ޚަރަދަށްވުރެ 17.9 އިންސައްތަ ދަށް އަދަދެކެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނައިރު، ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *