"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފައްދަވައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ނަންބަރު 14/2025، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ. އެ ޤަރާރުގައި ވިދާޅުވެފައިވަނީ އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ކަމަށެވެ.

އަދި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށެވެ.

"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 10،000،000 މިލިއަން ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *