އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 140 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 144،173 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 122,608 ފަތުރުވެރިންނެވެ. އެހެންކަމުން މި އަދަދކީ މިދިޔަ އަހަރާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1،119،182 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފއިވަނީ 1،025،296 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 9.2 އިންސައްތަ އިތުރުވެފައެވެ.
މި އަހަރުގެ މި މުއްދަތުގައި ޗައިނާއިން 144،173 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ރަޝިއާއިން 128،431 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއަށްފަހު 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން 109،132 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 4 ވަނާގައި 87،215 ފަތުރުވެރިން ނާއެކު އޮތީ އިޓަލީ ވިލާތެވެ. އަދި 82،676 ފަތުރުވެރިންނާ އެކު 5 ވަނާގައި އޮތީ ޖަރުމަންވިލާތެވެ.

