ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަ ޖެނުއަރީ މަހު ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފިއެވެ. މިއީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ.
ޤައުމީ އެއަރލައިނުން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އެއްކޮށް ހުއްޓިގެން ދިޔައީ ކޯވިޑުގެ ވަބާއާއެކުގައެވެ. އޭގެފަހުން އަލުން ދަތުރުތައް ފެށުމަށް ކުރާ މަސައްކަތްތަކާއެކު ދުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް، ވައިޑް ބޮޑީ މަތިންދާ ބޯޓެއް ރާއްޖެ ގެނެސް، ޗައިނާގެ 3 މަންޒިލަކަށް ވަނީ ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ވަރަށް ކާމިޔާބުކަން އައިލޭންޑް އެވިއޭޝަނުން ފާހަގަކުރައްވާފައިވާއިރު، މިހާތަނަށް ޗައިނާއިން އެކަނި 20،000 އަށްވުރެ ގިނަ މީހުން އުފުލާފައިވާ ކަމަށާއި، 1100 ޓަނުގެ މުދާވެސް އުފުލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް، ޕީއެސްއެމް ނިއުސްގެ "ހަފްތާ 104″ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވައިޑް ބޮޑީ ދަތުރުތަކުގެ އިތުރަށް ނެރޯ ބޮޑީގެ ދަތުރުތައްވެސް ޗައިނާއަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިންވެސް މޯލްޑިވިއަނުން ޗައިނާގެ ސިޓީތަކަށް ނެރޯ ބޯޑީގައި ދަތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޗައިނާގެ ކުރިން ހުއްޓާލާފައިވާ، މިސާލަކަށް ޖިއާން ސިޓީ އެއީ އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ، ނެރޯ ބޮޑީވީމަ ތައިލޭންޑުގެ ބެންކޮކަށް ޖައްސާފައި ދަތުރުކުރަނީ. އެ މިހާރު ސީޒަނަލީ މިއަންނަ ޖެނުއަރީން ފެށިގެން، އަޅުގަނޑުމެންގެ ސީޒަނަލް ފްލައިޓުތައް ފެށިގެންދާނެ. ޗައިނާގެ ޖިއާން އަދި ޗައިނާގެ ޝެންޒެންއަށް އަޅުގަނޑުމެންގެ ނެރޯ ބޮޑީ ދަތުރުތައް. އެ ދަތުރުތައްވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކުރިއަށް އޮތްތަނުގައި،
އިޔާސް
ޗައިނާއަށް ދަތުރުތައް ފުޅާކުރުމުގެ އިތުރުން، އިންޑިއާގެ ކޮޗިން އަދި ޓްރެވިންޑްރަމަށް މިހާރު ހަފްތާއަކު 4 ދަތުރު ކުރަމުންދާ ނެރޯ ބޮޑީ ދަތުރުތައް އަންނަ މަހު ހަފްތާއަކު 5 ދަތުރަށް އިތުރުކުރާނެ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށް މިވަގުތު ދަތުރުތައް ހުއްޓިފައިވީނަމަވެސް އަންނަ އަހަރު އެދަތުރުތައްވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ބޭރުގެ މަންޒިލްތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާރު ދަނީ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭގެ ސަބަބުން ވައިޑް ބޮޑީގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފުޅާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

