ޗައިނާގެ ކުންފުންޏަކުން އުފެއްދި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ އެޑްވާންސް ރޮބޮޓަކުން، އިންސާނެއްގެ އެއްވެސް އަތްލުމެއް ނެތި 30 ކިލޯގެ އޫރެއްގެ ހިތުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތާރީޚީ ތަޖުރިބާ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވަނީ ޗައިނާގެ ޝަންހާއީގެ ކުންފުންޏަކުން ތަރައްގީކޮށްފައިވާ ސާޖިކަލް ރޮބޮޓެކެވެ. މި ރޮބޮޓް ފަރުމާކޮށްފައިވަނީ އެ ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ނިއުރޯން" މަލްޓިމޯޑަލް ސާޖިކަލް އޭއައި މޮޑެލްގެ އެހީގައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، އޮޕަރޭޝަންގެ އެންމެ މުހިންމު މަރުހަލާތައް ރޮބޮޓުން ކުރިއަށް ގެންދިޔައީ މުޅިން އަމިއްލައަށެވެ. ފުރަތަމަ ފަހަރުވެސް އޮޕަރޭޝަންގެ 88 އިންސައްތަ މަސައްކަތް އެއްވެސް މީހެއްގެ އެހީއާ ނުލައި ފުރިހަމަކުރިއިރު، ބާކީ ހުރި މަރުހަލާތަކުގައި ހާލަތަށް ރިއާޔަތްކޮށް އަމިއްލައަށް ބަދަލުތައް ގެނެސް އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ރޮބޮޓުގެ "ސިކުނޑި" ކަމަށްވާ ނިއުރޯން އޭއައި މޮޑެލްއަކީ 3 ބިލިއަން ޕެރާމީޓަރާއި، އޮޕަރޭޝަންތައް ކުރާ މަންޒަރު ފެންނަ 23،000 ވީޑިއޯ ކްލިޕް ބޭނުންކޮށްގެން ތަމްރީނުކޮށްފައިވާ މޮޑެލްއެކެވެ. މީގެ ސަބަބުން، ތަޖުރިބާކާރު ސާޖަނުން އޮޕަރޭޝަން ތިއޭޓަރުގައި ނިންމާ ފަދަ ނިންމުންތައް ނިންމުމުގެ ގާބިލުކަން ރޮބޮޓަށް ލިބިގެންވެއެވެ. އަދި އޮޕަރޭޝަން ކުރަމުންދާއިރު ފެންނަ މަންޒަރުތަކަށް ބަލައި، އަމިއްލައަށް ޕްލޭންތައް އެކުލަވާލުމުގެ ފުރުސަތު ރޮބޮޓަށް ލިބެއެވެ.

ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ކުރެވުނު ފުރަތަމަ ތަޖުރިބާއަށް މި އޮޕަރޭޝަން ވެފައިވާއިރު، މިއީ އިންސާނުން ދުރުގައި ތިބެގެން ކޮންޓްރޯލްކުރާ ރޮބޮޓިކް ސާޖަރީން، އަމިއްލައަށް މަސައްކަތްކުރާ ރޮބޮޓިކް ސާޖަރީއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

ނަމަވެސް، މި އޮޕަރޭޝަން ކުރިއަށްދިޔައިރު ކޮންމެ ވަގުތަކުވެސް ކޮންޓްރޯލް ނެގޭނެ ގޮތަށް ތަޖުރިބާކާރު ޑޮކްޓަރުން ތިބީ ފާރަވެރިވެގެންނެވެ. އަދި މިއީ އިންސާނުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން އެންމެ ރައްކާތެރި ގޮތް ކަމަށް އަދި ނުބެލެވޭ ކަމަށާއި، މި ޓެކްނޮލޮޖީ އިންސާނުންނަށް ބޭނުންކުރުމުގެ ކުރިން ގިނަ ތަހުލީލުތަކެއް ކުރަންޖެހޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

މިހާތަނަށް އެއްވެސް ގައުމަކުން ނުވަތަ ސަރަހައްދަކުން މި ސިސްޓަމް އިންސާނުންގެ ގަޔަށް އޮޕަރޭޝަން ކުރުމަށް ހުއްދަ ދީފައެއް ނުވެއެވެ. އަދި އިންސާނުން ބޭނުންކޮށްގެން ކުރާ ކްލިނިކަލް ޓްރަޔަލްތައްވެސް އަދި ފަށާފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *