މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށްޓަކައި ކުރަންޖެހޭ ލިކްއިޑޭޝަންގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އަށް އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި މަސައްކަތާ ހަވާލުވާ ފަރާތަކުން ކުރަންޖެހޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • އެމްއައިޓީޑީސީގެ މުދަލާއި ފައިސާގެ ރެކޯޑްތަކުގެ ކޮންޓްރޯލް ނަގައި، އެ ތަކެތީގެ އަގު ކަނޑައެޅުން.
  • ކުންފުނީގެ ދަރަނީގެ ހިސާބުތައް ބަލައި ދެނެގަތުމާއި، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ކުރިއަށް ގެންދިއުން.
  • ލިކްއިޑޭޝަންގެ ހުރިހާ މަރުހަލާއެއް ނިމުމުން ކުންފުނި އުވާލުމުގެ ފަހު މަރުހަލާތައް ފުރިހަމަކުރުން.

ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި، އެމްއައިޓީޑީސީއަކީ ސަރުކާރުގެ ކުންފުންޏަކަށް ވާތީ، މި މަސައްކަތް ކުރިއަށް ގެންދަންވާނީ ދެފުށް ފެންނަ، ޒިންމާދާރު އަދި ގުޑް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ މަތީ ފެންވަރުގައެވެ.

އެމްއައިޓީޑީސީ އުވާލަން ނިންމާފައި މިވަނީ އެ ކުންފުނީގެ ހާލަތު ބެލުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓަކަށް ފަހުގައެވެ. މިދިޔަ އަހަރު ނެރުނު އެ ރިޕޯޓުގައިވާ ގޮތުން، ޖުމްލަ 52.35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ކުންފުނިން ފެށި ތިން މަޝްރޫއެއްގެ މަސައްކަތް ވަނީ ނުނިމި ހުއްޓިފައެވެ.

ރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް 2016 ވަނަ އަހަރު އުފެއްދި މި ކުންފުނިން ފެށި މަޝްރޫއުތަކުގެ ތެރޭގައި ލ. ބަރެސްދޫ އިންޓެގްރޭޓެޑް ރިސޯޓް މަޝްރޫއާއި، ކ. ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއުގެ އިތުރުން ކ. އަތޮޅުގެ 10 ފަޅެއް ހިއްކައިގެން ތަރައްގީކުރުމަށް ހިންގި "ޕާމް" މަޝްރޫއު ހިމެނެއެވެ.

އޮޑިޓް އޮފީހުން ލަފާދީފައިވަނީ، ކުންފުނި އުފެއްދި ފަހުން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދިއުމާއި، ފަށާފައިވާ މަޝްރޫއުތައް ނިމޭނެ ކަމުގެ އުންމީދެއް ނެތުމުން، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ނެތް ނަމަ ކުންފުނި އިތުރަށް ނުހިންގުމަށެވެ. އެމްއައިޓީޑީސީ އުވާލުމުގެ މި މަރުހަލާ މިހާރު ކުރިއަށްދާއިރު، މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *