ދުނިޔޭގެ ބޭސްވެރިކަމުގެ ސިނާއަތަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފުރިހަމައަށް ފަރުމާކޮށްފައިވާ ބޭހެއް އެންމެ ފުރަތަމަ ހުއްދަކުރާ ގައުމަކަށް ޗައިނާ ވެގެންދާނެ ކަމަށް މާހިރުން ލަފާކޮށްފިއެވެ.
ހޮންކޮންގްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި 'އޭޝިއަން ފައިނޭންޝަލް ފޯރަމް' ގައި ވާހަކަދައްކަވަމުން މާކް ޗައިނާގެ ރައީސް މާކް ހޯން ވިދާޅުވީ، 2026 ވަނަ އަހަރަކީ އޭއައިގެ އެހީގައި ބޭސް ހޯދުމުގެ މަރުހަލާ ނިމި، މުޅިން އޭއައި ބޭނުންކޮށްގެން ފަރުމާކުރާ ބޭސްތައް ބޭނުންކުރަން ފަށާނެ އަހަރަކަށް ވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މިފަދަ ބޭހަކަށް ޗައިނާއިން ހުއްދަ ދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޗައިނާ ސަރުކާރުން އިޢުލާނުކޮށްފައިވާ "އޭއައި ޕްލަސް" ޕްރޮގްރާމެވެ. މިއީ ކުރިއަށް އޮތް ދިހަ އަހަރަށް އަމާޒުކޮށް، "އިންޓެލިޖެންޓް ސިވިލައިޒޭޝަން" ނުވަތަ ތަހުޒީބީ ޒަމާނަކަށް ގައުމު ގެންދިއުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. މާކް ހޯން ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އާ ބޭސްތަކުގެ ގާތްގަނޑަކަށް 30 އިންސައްތަ މިހާރު އުފައްދަނީ ޗައިނާގައެވެ.
އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އޭމްޖެންގެ ޗީފް މެޑިކަލް އޮފިސަރު ޕޯލް ބާޓަން ވިދާޅުވީ، އޭއައި އާއި އިންސާނީ ޖެނެޓިކްސް ގުޅުވާލުމުން ބޭސް އުފެއްދުމުގެ މަރުހަލާ އަވަސްވެ، ނާކާމިޔާބުވާ މިންވަރު މަދުވާނެ ކަމަށެވެ.
މި ދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ 'އެކްސްޓަލްޕައި' ކުންފުނީގެ ސީއީއޯ މާ ޖިއާން ވިދާޅުވީ، އެ ކުންފުނިން މިހާރުވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ފައިޒާ އާއި ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތަކާއެކު އޭއައި ބޭނުންކޮށްގެން ބޭސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ޗައިނާގައި އޭއައި ބޭނުންކޮށްގެން ބޭސް އުފައްދާ 100 އަށްވުރެ ގިނަ ކުންފުނި ވަނީ އުފެދިފައެވެ. އަދި ޗައިނާގެ އެންމެ ބޮޑު ބޭސް އުފައްދާ ކުންފުނި، ޖިއަންގްސޫ ހެންގްރޫ ފާމަސޫޓިކަލްސް އިން ވަނީ ހޮންކޮންގް މެދުވެރިކޮށް ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވުމަށް ރާވާފައިވާކަން ހާމަކޮށްފައެވެ.

