ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑަށް ބޮޑު ބަދަލެއް އަންނަ މަހަކަށް ވެފައި، މީގެ ކުރީގެ އަހަރުތަކުގައި ބާޒާރުގައި ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ކުރިމަތިވި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން މިއަހަރު ޚާއްޞަ އިސްކަމެއް ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މިއަހަރުވެސް ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ ތައްޔާރީތަކެއް ވަނީ ވެފައެވެ.
ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މުހިންމު ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އެގޮތުން، ކުރިން އަސާސީ ތަކެތީގެ ގޮތުގައި ބަލަމުން އައި 23 ބާވަތުގެ ބަދަލުގައި، އެ އަދަދު މިހާރު ވަނީ 26 އަށް އިތުރުކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ދިވެހިން އާންމުކޮށް ބޭނުންކުރާ 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާ، ކުކުޅު ބިސް، މުގު އަދި ކާށި ފަދަ ތަކެތި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން މެދުވެރިކޮށް މިހާރުވެސް ދަނީ ހެޔޮ އަގުގައި ބާޒާރަށް ނެރެމުންނެވެ.
މީގެއިތުރުން، ގޭބީސީތަކުން އާންމުކޮށް ބޭނުންކުރާ 160 އަށްވުރެ ގިނަ އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލައި، ކޮންމެ ހަފްތާއަކު އެތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ސަރުކާރުން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ބާޒާރުގައި ކުއްލިއަކަށް އަގު އުފުލޭ ހާލަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމެވެ.
އަތޮޅުތެރޭގެ ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ ފުޅާ ނެޓްވޯކެއް ގާއިމްކޮށްފައެވެ. މިގޮތުން، 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެޖެންޓުން ތިބޭނެކަން ކަށަވަރުކޮށް، ކުދި އާބާދީތަކަށްވެސް މުދާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މާލެއާއި ހުޅުމާލޭގައި އަލަށް ގާއިމުކުރެވުނު ޑިސްޓްރިބިއުޝަން ވެއަރހައުސްތަކުގެ ސަބަބުން މުދާ ބެހުމުގެ މަސައްކަތް މިއަހަރު އިތުރަށް ހަލުވިވެގެންދާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މާރުކޭޓުގެ އާންމު އަގުތަކަށްވުރެ ތަކެތީގެ އަގު އިތުރުވެގެން ނުދިޔުމެވެ. "އަސާސީ ކާބޯތަކެތީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާފައިވާ ބާވަތްތަކުގެ އިތުރުންވެސް ބާވާތްތަކުގެ އަގުތައް މައްޗަށްދާކަމުގައި ވެއްޖިއްޔާމު، މިނިސްޓްރީއިން އެކަމަށް އިންޓަވީންކޮށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތްތައް ކުރާނެ،" ޠާރިޤް ވިދާޅުވިއެވެ.
ސަރުކާރުގެ މި ހަރުދަނާ ފިޔަވަޅުތަކާއެކު، ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް މާލީ ގޮތުން ކުރިމަތިވާ ބުރަ ކުޑަވެ، ހަމަޖެހުމާއެކު ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވި، ހެޔޮ އަގުގައި ތަކެތި ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.
