މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އދ. އަތޮޅަކީ ފަތުރުވެރިންގެ މެދުގައި ދެވަނައަށް އެންމެ މަގުބޫލު އަތޮޅުގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 689,264 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ މާކެޓުންނެވެ.

އަތޮޅުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އދ. އަތޮޅަށް މިހާތަނަށް 60,863 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަތޮޅުތަކުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބު:

  • ކ. އަތޮޅު: 291,301 ފަތުރުވެރިން
  • އދ. އަތޮޅު: 60,863 ފަތުރުވެރިން
  • ރ. އަތޮޅު: 50,522 ފަތުރުވެރިން

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަތުރުވެރިން އެންމެ މަދުން ޒިޔާރަތްކޮށްފައިވަނީ ތ. އަތޮޅު، ފ. އަތޮޅު އަދި ހދ. އަތޮޅަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނައިރު، މިހާތަނަށް ފަތުރުވެރިކަމުގެ ބޭނުމަށް 64,138 އެނދު ވަނީ މާކެޓަށް ނެރެފައެވެ. ފަތުރުވެރިކަމުގެ އެނދު އެންމެ ގިނައިން ހުރީވެސް ކ. އަތޮޅު، އދ. އަތޮޅު އަދި ރ. އަތޮޅުގައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 69 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 25.9 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. މީގެ އިތުރުން 2.8 އިންސައްތަ ފަތުރުވެރިން ހޮޓާތަކުގައި އަދި 2.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *