ޗައިނާގެ ކުންމިންގައި ބާއްވާ "ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯ" ނުވަތަ ކުންމިން ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރު ބާއްވާ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި، އެ އުފެއްދުންތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަކެތި ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށެވެ.

މި އެކްސްޕޯ ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގައި މިއަހަރުގެ ޖޫން މަހުގެ 11 އިން 16 އަށެވެ. އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ޝައުޤުވެރިވާ ވިޔަފާރިތަކުން މިނިސްޓްރީގެ ރަސްމީ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި އެކްސްޕޯއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމަށާއި، އެކި ޤައުމުތަކުގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ބައިނަލްއަޤްވާމީ ފެއަރއެކެވެ.

ރާއްޖެއަކީ މި އެކްސްޕޯގައި ބައިވެރިވާތާ ގިނަ އަހަރުތަކެއް ވެފައިވާ ޤައުމެކެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ތަޢާރަފްކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *