އިރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދިއުމާއެކު، އިލެކްޓްރިކް އުޅަނދުތަކަށް އޮތް ޑިމާންޑް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަމުންދަނީ ދުނިޔޭގައި އެންމެ ގިނައިން އިލެކްޓްރިކް ކާރު އުފައްދާ ޗައިނާގެ ކުންފުނިތަކުންނެވެ.
ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކަށް އެމެރިކާގެ މާކެޓް ބަންދުވެފައި އޮތް ނަމަވެސް، އޭޝިއާ އާއި ޔޫރަޕްގެ ގައުމުތަކުގައި އެ ކުންފުނިތަކުގެ އުޅަނދުތަކަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ ތެރެއިންވެސް އެންމެ ކުރީގައި އުޅެނީ މިދިޔަ އަހަރު ޓެސްލާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ގިނަ އީވީ ވިއްކާ ކުންފުނީގެ މަގާމު ހޯދި ބީވައިޑީ އެވެ.
ބެއިޖިންގ އޮޓޯ ޝޯގައި ބީވައިޑީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ސްޓެލާ ލީ ވިދާޅުވި ގޮތުގައި، އެމެރިކާގެ މާކެޓާ ނުލައިވެސް އެ ކުންފުނިން ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.
ތެލުގެ އަގު އުފުލުމުން ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ބޮޑުވާކަން ކަސްޓަމަރުންނަށް އިހުސާސްވޭ. އިލެކްޓްރިކް ކާރުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ފައިސާ ރައްކާކުރަން އެހީތެރިވެދޭ،
ލީ
ބީވައިޑީން މިހާރު އަމާޒު ހިފާފައިވަނީ ބްރެޒިލް، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ މާކެޓަށެވެ. އެ ކުންފުނިން ވަނީ ކާރު ޗާޖުކުރުމަށް ހޭދަވާ ވަގުތު މަދުކޮށްދޭ "ފްލޭޝް ޗާޖިންގ" ޓެކްނޮލޮޖީއެއް ވެސް ތައާރަފްކޮށްފައެވެ. މި ޓެކްނޮލޮޖީގެ އެހީގައި މަދު މިނެޓްކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ކިލޯމީޓަރަކަށް ދަތުރުކުރެވޭ ވަރަށް ކާރު ޗާޖުކޮށްލެވެއެވެ.
މިހާރު ކުރިއަށްދާ ބެއިޖިންގ އޮޓޯ ޝޯގައި ޗައިނާގެ އެހެން ކުންފުންޏެއް ކަމަށްވާ އެކްސް-ޕެންގް އިން ވަނީ އިންސާނުންނާ އެއްގޮތަށް ހަރަކާތްތެރިވާ ރޮބޮޓާއި، 2027 ވަނަ އަހަރު އުފައްދަން ފަށާ އުދުހޭ ކާރުގެ މޮޑެލްތައް ވެސް ދައްކާލާފައެވެ.
ޗައިނާގެ ކުންފުނިތަކުން ހޯދަމުންދާ މި ކުރިއެރުމާއެކު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ފޯކްސްވެގަން، ޓޮޔޯޓާ އަދި ފޯޑް ފަދަ ކުންފުނިތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން ބައެއް ބޭރުގެ ކުންފުނިތަކުން މިހާރު ދަނީ ޗައިނާގެ ކުންފުނިތަކާ ގުޅިގެން އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ޗައިނާގެ ކުންފުނިތަކަށް ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެމެރިކާއިން ވަނީ ޗައިނާގެ އީވީތަކަށް ޓެކްސް ބޮޑުކޮށް، ޑޭޓާ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެހެންނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން ޗައިނާގެ ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުމާއެކު، ދުނިޔޭގެ ކާރުގެ ބާޒާރުގައި އެ ގައުމުގެ ނުފޫޒު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.

