ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 26 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ.

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 136،459 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ 107،544 ފަތުރުވެރިންނާ އަޅާ ބަލާއިރު 26 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 3 ހަފުތާ ތެރޭގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް މަޑުޖެހުނެވެ. ލިސްޓުގެ ހަ ވަނަ ޗައިނާ ޖެހިލުމަށް ފަހު، ފެބުރުވަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ޤައުމަކީ އަނެއްކާވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް:

ޗައިނާ: 136،459 ފަތުރުވެރިން

ރަޝިއާ: 117،052 ފަތުރުވެރިން

އިނގިރޭސިވިލާތް: 76،339 ފަތުރުވެރިން

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 886،545 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 935،420 ފަތުރުވެރިންނާއަޅާ ބަލާއިރު 5.2 އިންސައްތަ ދަށް އަދަދެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *