މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާއަކީ މިވަގުތު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތް އިންޑިއާއިން، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 60,515 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން އައި 64,147 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 5 އިންސައްތައިގެ ދަށްވުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,036,558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ޤައުމަކީ:

  1. ޗައިނާ: 162,305 ފަތުރުވެރިން
  2. ރަޝިއާ: 144,552 ފަތުރުވެރިން
  3. އިނގިރޭސިވިލާތް: 84,787 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 71.8 އިންސައްތައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ރިސޯޓްތަކުގައި 727,709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 238,417 ފަތުރުވެރިން، ހޮޓާތަކުގައި 24,978 ފަތުރުވެރިން އަދި ސަފާރީތަކުގައި 21,008 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން އަންނަނީ އިންޑިއާ މާކެޓާއި އެހެނިހެން މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ފުޅާ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,000 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 1,290 ތަނެއް ވަނީ ހުޅުވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *